ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ކޯ ޗެއަރ ޖަސްޓިސް ސެލްވަމްއަށް ބަޔަކު ކުރި ފުރައްސާރަތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ކުށްވެރި ކުރެއްވީ، ކޮމިޝަންގެ ރިޕޯޓް އެމަނިކުފާނަށް އެރުވުމާ ގުޅިގެން، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއީ ތަހުޒީބީ މުޖްތަމަޢެއްގައި ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމިޝަންގެ ހުރިހާ މެންބަރުން މިކުރެއްވި ބުރަ މަސައްކަތްތަކުގެ އަގު، ވަރަށް އިޚްލާޞްތެރިކަމާއެކު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ، އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމިޝަންގައި މަސައްކަތް ކުރެއްވި އިދާރީ މުވައްޒަފުންނަށާއި، ކޮމިޝަނަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ކޮމިޝަންގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދިޔައީ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެވެސް ލަފައާ އެކުގައި ކަމަށާއި، ކޮމިޝަނުން ނިންމަވާ ނިންމެވުންތަކަކީ، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް އިތުބާރު ކުރެވޭ ނިންމެވުންތަކަކަށް ހެއްދެވުމަކީ، އެންމެ ބޮޑަށް އިސްކަންދެއްވި އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދިޔައީ، ވަރަށް މުސްތަޤިއްލު ގޮތެއްގައި ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިފަދަ ކަންކަން މިގޮތަށް ނުހިނގާ ފެންވަރުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދިޔައިރު، އެއްވެސް ނުފޫޒެއް ކޮމިޝަނަށް ފޯރުއްވާފައި ނުވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ބޭނުންވި ކޮންމެ ވަގުތެއްގައި ކޮމިޝަނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.