"ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ" އިން ބެލި ބެލުމުންނާއި، ހެކިތަކުންނާއި، ހޯދި ހޯދުންތަކުން 2012 ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހިނގާދިޔަ ޙާދިޘާތައް ޖުމްލަވީ ގޮތެއްގައި ހިނގާފައިވަނީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދު ޢަމަލުކުރެއްވި ގޮތުންކަން، އެ ރިޕޯޓުން ސާބިތުވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އަދި ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ، އެއްވެސްކަހަލަ މަޖުބޫރީ ކަމެއްނެތި، އަމިއްލަ ރުހުމުގައި ކަމާއި، އިސްތިޢުފާ ދެއްވުމުގައި އެއްވެސްކަހަލަ ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވާ ކަމަށްވެސް އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ، [ކޯނީ]ގެ ރިޕޯޓް އެ ކޮމިޝަންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އެރުވުމާ ގުޅިގެން، އެކަމުގެ ތަފްޞީލު ދެއްވައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދައުލަތުގެ ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެކި ބޭފުޅުންނާއި އަދި ރާއްޖޭގެ މީޑިއާ ކުރިމަތީގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ސަރުކާރުގެ ހިންގުމަށް އައި ބަދަލަކީ، ޤާނޫނީގޮތުން ޞައްޙަ ބަދަލެއް ކަމަށް ވަރަށް ސާފުކޮށް މިވަނީ ކަނޑައެޅިފައި ކަމަށާއި، ސަރުކާރުގެ ޞައްޙަކަމާމެދު ކުރެވޭ ސުވާލުތައް މިއަދުން ފެށިގެން އެބަ ހުއްޓެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ބަޣާވާތަކުން ގެނައި ސަރުކާރެއް ކަމަށް ބުނެ ހިންގާ ޤާނޫނާ ޚިލާފު، އިޖްތިމާޢީ ހަމަތަކާ ޚިލާފު ހުރިހާ ޙަރަކާތްތަކެއް އެބަ ހުއްޓެންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯނީގެ ރިޕޯޓާއެކު ވަރަށްގިނަ ކަންތައްތަކެއް މިވަނީ ސާފުވެގެން ގޮސްފައި ކަމަށާއި، އެރިޕޯޓް ވިދާޅުވުމުން، މިކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް އަނިޔާވެރިވާންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ ސިޔާސީ ލީޑަރުންގެ ލީޑަރޝިޕް ދައްކަވަންވީ ވަގުތެވެ. އަޅުގަނޑުމެންގެ އަމިއްލަ އެދުންތަކަށްވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތެވެ. މިވަގުތަކީ ފަހަށްދިޔަތަން ދޫކޮށް ކުރިއަށްދާންވީ ވަގުތެވެ. ޞުލްޙައާއި މަޝްވަރާގެ މަގު ޚިޔާރު ކުރަންވީ ވަގުތެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޝަންގެ ރިޕޯޓާއި، ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވިގޮތާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓްތަކުން އިދާރީގޮތުންނާއި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ވަނީ އެނގިފައިކަން ހާމަކުރެއްވިއެވެ. އަދި އެކަންކަން ވީ އެންމެ އަވަސް ފުރްޞަތެއްގެ ތެރޭގައި ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާ މަޝްވަރާ ބައްދަލުވުންތައް، މާތްﷲގެ އިރާދަފުޅާއެކު، އާ ޢަޒުމަކާއެކު މިރޭ ފެށޭނެ ކަމަށާއި، މިބައްދަލުވުންތައް ވަރަށް އެކުވެރި ޖައްވެއްގައި، ވަރަށް އެކުވެރި ރޫޙެއްގައި ހިނގަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.