ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި މިއަދު ހަވީރުއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސް މަހިންދަ ރާޖަޕަކްސާއަށް ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސްރީލަންކާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި ރަޙްމަތްތެރިކަމުގެ އަގު ދިވެހި ސަރުކާރުން ވަޒަން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގެ ސަބަބުންވެސް ދެޤައުމުގެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މިވޭތުވެދިޔަ ދުވަސްތަކުގައިވެސް މިގުޅުން ތަރައްޤީވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުންނާއި، ތަރައްޤީގެ އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ތެލުގެ އަގުބޮޑުވަމުންދާތީ، ހެޔޮއަގުގައި ތެލާއި ޑީސަލް ރާއްޖެއަށް ލިބޭނެ ގޮތް ހަމަޖެއްސެވުމާއި، ދެ ޤައުމު ގުޅިގެން ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދެވުމާގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ވަކިން ބައްދަލުކޮށްލެއްވިއެވެ.