އިތިއޮޕިއާގެ ބޮޑުވަޒީރު މެލީސް ޒެނާވީ އަވަހާރަވުމާ ގުޅިގެން، އިތިއޮޕިއާގެ ރައީސް ގިރުމާ ވޯލްޑެގިއޯގިސްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިތިއޮޕިއާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެޤައުމުގެ ބޮޑުވަޒީރު އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިތިއޮޕިއާއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ހަރުދަނާ ސިޔާސީ ލީޑަރެއްގެ ގޮތުގައި ބޮޑުވަޒީރު ޒެނާވީގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިތިއޮޕިއާގެ ރައީސަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ބޮޑުވަޒީރު ޒެނާވީގެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.