ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ދަޢުވަތަކަށް ސްރީލަންކާއަށް ކުރައްވާ 3 ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް މާދަމާ ފަށްޓަވާނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސާ ބައްދަލުކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި ސްރީލަންކާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގެ ބައެއް މީޑިއާތައްވެސް ބައިވެރިކުރައްވައެވެ.