މިމަހު 25 ވަނަ ދުވަހު ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ 8 ވަނަ އޭޝިއަން ޗެމްޕިއަންޝިޕް ނެޓްބޯލް މުބާރާތުގަޔާއި، އަންނަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ބީޗް ނެޓްބޯލް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ޤައުމީ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ބައްދަލުކުރައްވައި، އެޓީމަށް ހިތްވަރު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދެ މުބާރާތުގައި މޮޅަށް ކުޅެ، ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނެޓްބޯލް އެސޯސިއޭޝަނުން ހިންގަވަމުން ގެންދަވާ އެކި ހަރަކާތްތަކާބެހޭ މަޢްލޫމާތާއި، އެސޯސިއޭޝަން ހިންގުމުގައި ހުރި ބައެއް ދަތިތަކުގެ މަޢްލޫމާތު، އެސޯސިއޭޝަންގެ ނައިބު ރައީސް މުޙަންމަދު ނަބީލް ރައީސަށް އެރުވިއެވެ. އަދި ސްރީލަންކާގައި މި ބާއްވާ ދެ މުބާރާތުގައި ބައިވެރިވާ ޤައުމީ ޓީމަށް ޔޫތު މިނިސްޓްރީންނާއި ސަރުކާރުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން އޭނާ ފާހަގަކުރެއްވިއެވެ.