ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މިމުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

[ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

ފިޠުރު ޢީދު ދުވަހަކީ، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނާއި އެކި އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިކަން ފޯރުވައިދިނުމުގެ ދުވަހެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ޢަޒުމް ކަނޑައެޅުމުގެ މުނާސަބަތެއްވެސް މެއެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިމިވާ ސިޔާސީ ވާދަވެރިކަމުގައިވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ރޫޙު ކުރިއަށް ނެރުމަކީ ހުރިހާ ފަރާތްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް ކަމަށް މި ފުރުޞަތުގައިވެސް އަޅުގަނޑު ދެކެމެވެ.

މާތްﷲ، މި ޢީދުގެ ދުވަސްތަކަކީ ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ވަރަށް އުފާވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ. ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން މި ހިފި ރޯދައިގެ ހެޔޮ ދަރުމައާއި ޘަވާބު އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވާށިއެވެ."

ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.