އޯ.އައި.ސީ.އިން ސީރިއާ މިވަގުތަށް ސަސްޕެންޑް ކުރުމަށް ރާއްޖެއިން ތާއީދު ކުރި ކަމަށާއި، ސީރިއާ ސަރުކާރުން އެތާނގެ ރައްޔިތުންނާ ދޭތެރޭގައި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް އޯ.އައި.ސީ. ސަމިޓުގައި ރާއްޖެއިން ގޮވާލި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބައްދަލުކުރައްވައި، މި ދަތުރުފުޅާގުޅޭގޮތުން މަޢްލޫމާތު ދެއްވަމުންނެވެ.

މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، ސީރިއާގެ މައްސަލައާއި، މިއަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާބެހޭގޮތުންނާއި، މާލީގައި މިހާރު ދިމާވެގެން އުޅޭ ބައެއް މައްސަލަތަކާބެހޭގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުސްލިމުންގެ މެދުގައި ވާހަކަދައްކައި ބަޙުޘް ކުރުމަށްޓަކައި "ސެންޓަރ ފޮރ ޑައިލޮގް އޮން އިސްލާމިކް ފެކްޓްސް" މި ނަމުގައި މަރުކަޒެއް ޤާއިމު ކުރެއްވުމަށް ސަޢޫދީ ރަސްގެފާނު ނިންމަވައި އެކަން މި ސަމިޓުގައި އިޢްލާން ކުރެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޯ.އައި.ސީ.ގެ ދަށުން ޤާއިމު ކުރެވޭ މި މަރުކަޒު ހުންނާނީ ރިޔާޒްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަޢޫދީ ރަސްގެފާނު މި އެޅުއްވި ފިޔަވަޅަކީ، ވަރަށް މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އިސްލާމީ ހުރިހާ ޤައުމުތަކެއްގައިވެސް މިހާރު މަޛްހަބީ ތަފާތުތައް ވަރަށް ބޮޑަށް އުފެދެމުންދާ ކަމަށާއި، އަދި އޭގެ ސަބަބުން މުސްލިމް އުންމަތުގެ ތެރޭގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެދެމުންދާ ކަމުގައި ރައީސުޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަމުގައި އެއްގަލަކަށް އަރައި އެއްބައިވަންތަކަން އުފެއްދުމަށްޓަކައި ސަޢޫދީ ރަސްގެފާނު މިފެށްޓެވީ ވަރަށް މުހިންމު މަސައްކަތްޕުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދާ ބައްދަލުކުރެއްވި ކަމަށާއި، އިސްލާމީ އެހެން ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެބޭފުޅުންގެ ތެރޭގައި، ޤަޠަރުގެ އަމީރާއި ބޮޑުވަޒީރާއި، ކުވޭތުގެ އަމީރާއި، އުރުދުންގެ ރަސްގެފާނާއި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ލުބުނާންގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި، ޚާއްޞަކޮށް ކުވޭތާއި ޤަޠަރާއި ސަޢޫދީޢަރަބިއްޔާއިން ރަނގަޅު އެހީތަކެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.