މި އޯގަސްޓް މަހުގެ 22 ވާ ބުދަ ދުވަހާއި، 23 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެ ދެދުވަހުގެ ބަދަލުގައި، އަންނަ ސެޕްޓެމްބަރު މަހުގެ 1ވާ ހޮނިހިރު ދުވަހާއި، 15ވާ ހޮނިހިރު ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދެދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި މިގޮތަށް މި ހަމަޖެއްސެވީ، އޯގަސްޓް މަހުގެ 22 ވަނަ ދުވަހާއި، 23 ވަނަ ދުވަހު އޮފީސްތައް ހުޅުވާގޮތަށް އޮވެއްޖެނަމަ، ފިޠުރުޢީދުގެ ބަންދާއި ހަފްތާގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއްނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖެއްސެވުމަށްޓަކައެވެ.