އިންޑިޔާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެޤައުމުގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޕްރަނާބް މުކަރްޖީއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މި ކާމިޔާބީއިން ދައްކައިދެނީ، ޕްރަނާބް މުކަރްޖީއަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި އިންޑިޔާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ޕްރަނާބް މުކަރްޖީގެ ވެރިކަމުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޕްރަނާބް މުކަރްޖީ އިންޑިޔާގެ ރައީސްކަމުގެ ހުވާ ކުރެއްވީ، މިއަދު މެންދުރުކުރީގެ ވަގުތެއްގައެވެ.