މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބާއްވަވާ ރަސްމީ ޙަފްލާ، މާދަމާރޭ ޤައުމީ ދާރުލްއާޘާރުގައި އޮންނާނެއެވެ. މި ޙަފްލާ ފެށޭނީ، މާދަމާރޭ 10 ޖަހާއިރުއެވެ.

މި ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން، އެދެކަނބަލުން ހުއްޓިވަޑައިގަތުމަށް ޚާއްޞަކޮށްފައިވާ ތަނުގައި ހުއްޓިވަޑައިގަތުމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅޭނެއެވެ. ޤައުމީ ސަލާމް ނިމުމުން، ޙާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާޠަބު ކުރައްވައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ. އެއަށްފަހު، މި ޙަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރެއްވުން އޮންނާނެއެވެ.

މި ޙަފްލާއަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، އުއްތަމަ ފަނޑިޔާރަށާއި، ވަޒީރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، މިނިސްޓަރުންގެ ނައިބުންނަށާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ. އަދި މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.