މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ކ. ކާށިދޫ ކެތި އާދަމް ޙަލީމް، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް، ރޭ މެންދަމު އޭނާއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މިއަދު ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވާފައި ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނިންމަވައިފިއެވެ.

މިހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމް އާދަމް ޙަލީމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހާ ބޭފުޅުންނަށްވެސް މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވައެވެ.