ފަލަސްޠީނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ އަންވަރު އަލް-އަގްހާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާކަމަށް ވިދާޅުވެ، ދައުލަތުން މިހާރު އެއްވެސް މީޑިއާއެއްގެ މައްޗަށް ބާރު ނުފޯރުއްވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ވިޔަފާރިއާއި ޓުއަރިޒަމްފަދަ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް، ޤައުމުގެ ކަންކަން ހަމައަކަށް އެޅުއްވުމަށް ކެތްތެރިކަމާއި، ވިސްނުންތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަލަސްޠީނުގެ ސަފީރު ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އެތެރޭގެ ކަންކަން ޙައްލުކުރެއްވުމުގައި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ، އަމިއްލައަށް އެކަންކަން ޙައްލުކުރުމުގެ މުހިންމުކަންވެސް ސަފީރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.