އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރިޝިޔާ ބިއުޓެނިސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ކުރިއަށް އޮތްތާނގައިވެސް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ގެންގުޅުއްވާ އުސޫލުތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި އެހެން މުހިންމު ކަންކަމާ ބެހޭގޮތުން ނިންމަވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން ގެންދެވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ރައްޔިތުން ޢަމަލީ ގޮތުން ބައިވެރިކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް އެމެރިކާ ސަފީރު ބައްލަވާލެއްވިއެވެ.