بســم اللّـه الرّحمـن الرّحيــم

އެމް.ބީ.ސީ.ގެ އިސްވެރިން، ހީވާގި ވެރިން އަދި އެމް.ބީ.ސީ.ގައި މަސައްކަތް ކުރައްވާ އަގުހުރި މުވައްޒަފުން. އަދި ދިވެހިރާއްޖޭގެ އަޑަށް ޚިދްމަތް ކުރައްވާ ތަފާތު ނަން ނަމުގައި ހުރިކަމުގައިވިޔަސް، ކީ ކަމުގައިވިޔަސް، ޚިދްމަތް ކުރެއްވި އަގުހުރި ބޭފުޅުން.

السّــلام عليــكم

އާދެ! މިއަދު މި މަޤާމުގައި ހުރެފައި ވާހަކަ ދައްކާއިރު، ދެންމެގައި މަނިކު ވިދާޅުވިގޮތަށް، އަޅުގަނޑަށްވެސް ވަރަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް، އަސަރުތަކެއް ކުރުވި އަދި މިހާރުވެސް ކުރުވާ މަޤާމެއް އަދި މަންޒިލެއްވެސްމެ.

އާދެ! ކުރީގައި ވާހަކަ ދައްކަވަމުން ޝާކިރު ވިދާޅުވި، ޕްރޮގްރާމެއްގެ ވާހަކަ. އާދެ! ބޮޑުބެއާއި ކުޑަބެގެ ވާހަކަ. ބޮޑުބެގެ ވާހަކަ ވިދާޅުވި. އާދެ! އަޅުގަނޑު ހަމަ ކުޑަބެގެ ވާހަކަވެސް ދަންނަވާލާނަން. ކުޑަބެ ނެތީސް ބޮޑުބެއެއް ނުހުންނާނެ. އާދެ! ޕްރޮގްރާމް މޭސްތިރި ކުރައްވައި، އެކަންތަކުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީ ބަދުރު. އެހެންވީމާ، ބަދުރަށް އަޅުގަނޑު އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު ހަމަ މި ފުރްޞަތުގައި ދަންނަވާލަން ބޭނުން، ކީއްވެގެންތޯ، އެ ޕްރޮގްރާމް އަޅުގަނޑުމެން ބައްޓަންކުރީ. އަޅުގަނޑަށް ހީވަނީ، ބަދުރު ހަނދުމަފުޅު ހުންނާނެ،އެދުވަސްވަރަކީ މޮންޓެސޫރީ ސްކޫލްގައި ވެންކިއުލަމްބާ ކިޔާ މީހެއް ކިޔަވައިދެމުންދިޔަ ދުވަސްވަރު. ދިވެހިރާއްޖޭގެ ދީނީ ކަންތައްތަކަށް، ޚާއްޞަކޮށް، ތުއްތު ކުދިންނަށް ރަސޫލު ބޭކަލުންގެ ވާހަކަ އަދި ދިވެހި މުސްކުޅި ވާހަކަތައް، ދިވެހިންނަކީ ކޮންބައެއްކަން އަންގައިދޭނެ ވާހަކަތަކެއް ކިޔައިދޭނެ ފަރާތެއް ޙަޤީޤަތުގައި އެދުވަސްވަރުވަނީ ނެތިފައި. މިއީ ޙަޤީޤަތް. އޭރުވެސް ސަތޭކަ ސަތޭކަ އިސްލާމް ޤައުމެއް. ކަން މިހެން އޮތްއިރު، އެއްދުވަހު އަޅުގަނޑުމެން ވާހަކަ ދައްކަމުން ބުނީ، ކިހިނެއްހޭ، ސަރުކާރުން މިކަމަށް ހުއްޓުމެއް އެރުވިޔަނުދީ ފާޑުކިޔާނީ.

އާދެ! އޭރުގައި ސަރުކާރަށް ފާޑުކިޔުމަކީ ވަރަށް ނުރައްކާ ކަމެއް. ކޮންމެއަކަސް މިހާރު އޮންނަ ގޮތަކަށް ނޫން. ދެން އަޅުގަނޑުމެން ވާހަކަ ދައްކާފައި، ޤަޞްދުކުރީ ފޫޅުދިގު ހަންޑީގެ ވާހަކަވެސް ކިޔައިދޭނީއޭ. އެކިއެކި ރަސޫލު ބޭކަލުންގެ ވާހަކަވެސް ކިޔައިދޭނީއޭ. އޭރުންނޭ، މި ތުއްތު ކުދިންނަށް އެނގޭނީ، ކިހިނެއްކަން މާތްވެގެންވާ އިސްލާމްދީނުގައި ހުރި ހަރުދަނާ ކަންތައްތަކާއި، މިކަންތައްތަކުގެ މައްޗަށް އެކުދިންގެ ހިތް ލެނބޭނީ. އެނގިވަޑައިގަންނަވާނެ، ދީނަކީ ހަމައެކަނި ދީނުގައި ހުންނަ ޢަޤީދާއާއި، ދީނުގެ މާތްކަމާ، މިކަންތައް ކިޔައިދީގެން އިންސާނެއްގެ ހިތަށް ޙަޤީޤީ ދީނުގެ ފުރިހަމަ އިޙްސާސް ކުރުމަކީ އެއީ ގިނަފަހަރަށް ނުވެފައި އޮންނަ ކަމެއް. އެކިއެކި ރަސޫލު ބޭކަލުންނާއި، އެކިއެކި ނަބީ ބޭކަލުންނާއި، އިސްލާމީ ތާރީޚުގެ ތަންތަންކޮޅު ތުއްތު ކުދިންނަށް އެނގެން އެނގެން އެބަޖެހޭ. ބޮޑުވަމުން އަންނައިރު އެނގެން އެބަޖެހޭ. އެހެން ނޭނގޭކަމަށްވަންޏާ، ހަރުދަނާ ބިންގަލެއްގެ މައްޗަކަށް އެކުއްޖަކު ބޮޑެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެންނަށް ފެނިފައި ހުރި ކަމެއް. މިއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެހެންވެގެން، ދީނީ ބިންގަލެއް އަޅައިދީ، އެކުދިންނަށް އެކަންތައް އޮޅުންފިލުވައިދިނުމުގެ ބޭނުމުގައި، އަޅުގަނޑުމެން އެ މަޤްޞަދުގައި ބޮޑުބެއާއި ކުޑަބެ ނުވަތަ ކުޑަބެއާއި ބޮޑުބެގެ ޕްރޮގްރާމް ފެށްޓުނީ. އެއީ އަޅުގަނޑުމެންގެ މަޤްޞަދަކީ. އިރާދަކުރެއްވިއްޔާ، މަޤްޞަދު އަޅުގަނޑުމެން ޙާޞިލްކުރިން. ސަރުކާރަކަށް އެނގިވަޑައިނުވެސްގަންނަވާ، އަޅުގަނޑުމެން ހަދާ އެތިފަހަރެއް. އަޅުގަނޑުމެން ބޭނުން ވާހަކައެއް އޭގައި ދައްކަމުން ދިޔައިން. އަދި އޭރުގައި ހިނގަމުންދިޔަ މާލޭގައި ހުރި ހަމައެކަނި އައިސްކްރީމް ޕާލާއަށް ކުޑަކުދިން ގެންގޮސް، އެތަނުގައި އައިސްކްރީމްވެސް ހަމަ ދިނިންވެސްމެ.

އާދެ! ކޮންމެއަކަސް ކަންތައްތައް ރާވައި ހިންގުމަކީ އަޅުގަނޑުމެން އޭރުއްސުރެވެސް ނުދަންނަ ކަމެއް ނޫން. އަދި މި ޤައުމުގައި އެފަދަ ކުޅަދާނަ ދަރިން މިއަދު މާގިނަ. އަޅުގަނޑު އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށް ޝުކުރުވެސް އަދާކުރަން. އާދެ! މީގައި އަޅުގަނޑުމެންނަށް އެހީވެދެއްވި، ސައިކުރާ ޖަޢުފަރާ، އެކަހަލަ އެތައް ބޭފުޅުންތަކެއް. އެހެންވީމާ، އެހުރިހާ ބޭފުޅުންވެސް ނަންފުޅު ހަނދާންކޮށްލައި، އަޅުގަނޑު ހަމަ އެހުރިހާ ބޭފުޅުންނަށްވެސް ހަމަ ޝުކުރު އަދާކުރަން. އޭރުގެ ބައެއް ބޭފުޅުން މިހާރު ނިޔާވެގެން ހިނގައްޖެ. އެ ޕްރޮގްރާމްގައި އަޅުގަނޑުމެންނަށް އެހީވެދެއްވި، ވާހަކަތައް ކިޔައިދެއްވި ބޭފުޅުންވެސް.

އާދެ! ހިތާމައަކީ ކޮބައިތޯ؟ ހިތާމައަކީ މާޒީ ހަނދާންނެތޭތީ ދޮއެއްތޯ. އެއީ އަޅުގަނޑުމެންގެ އެންމެ ދެރަ ނިކަމެތި ސިފައަކީ. އެދުވަހު އަޅުގަނޑުމެން އުޅުނުގޮތް، މިއަދު އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ހަނދުމަފުޅެއްނެތޭ އިނގޭތޯ. އަޅުގަނޑު ހަނދާން އެބަހުރި، [ހޯޕް] ކިޔާ ބޯޓަކަށް ގޮސް، އެއިން ބައެއް އެއްޗެހި ގަންނަންވެގެން މަސައްކަތްކުރި ދުވަސް. އަދި އެއަށް ފައިސާ ހޯދާނެ އެއްވެސް ގޮތެއް ނެތިގެން އުޅުނު ދުވަސްވެސް. މިއަދު އެކަންޏެއް ނޫނޭ އިނގޭތޯ، ސަރުކާރުގައި ފައިސާނެތީކީ. އެކަހަލަ ދުވަސް ދުވަސް ކުރީގައިވެސް އައިސްފައި އެބަހުރި. ކޮންމެއަކަސް އަޅުގަނޑު މިއަދު އިނގޭތޯ، ތިޔަބޭފުޅުންނަށް ހަމަ ހިތުގެ އެންމެ ފުންމިނުން މަރްޙަބާކިޔަން. ސާބަހުން އައްސަރިބަހޭ ދަންނަވަން. ތިޔަ ކުރެއްވި އަގުހުރި މަސައްކަތަށް. ވަރަށްގިނަ ބޭބޭފުޅުންގެ މާބޮޑު ތަޖްރިބާއެއްނެތި، އެކިއެކި ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރައްވަމުން ވަޑައިގެން އޭރު. އަޅުގަނޑަކީ ޙަޤީޤަތުގައި، މި ޕްރޮގްރާމް އެއްގޮތަކަށްވެސް ދަންނަވެސް މީހެއް ނޫން. އެކަމަކު އަޅުގަނޑުވެސް ކޮންމެވެސް އަންހެން ބޭފުޅަކަށް، ޕްރޮގްރާމްގައި އެނައުންސްކުރާނެ ގޮތްވެސް ދަސްކޮށްދިނިން. އާދެ! އަޅުގަނޑަށް ހީވަނީ އެއީ ޙަފްޞާހެން. ކޮންމެއަކަސް އަޅުގަނޑު މި ދަންނަވަން މިއުޅޭ އެއްޗަކީ، އެއީ، އަޅުގަނޑުމެން މި ޤައުމުދެކެ ލޯބިވީވަރު އިނގޭތޯއޭ. އެއީ، މި ޤައުމަށްޓަކައި އަޅުގަނޑުމެންގެ ހަށިގަނޑާއި، އަޅުގަނޑުމެންގެ ހިތާއި ނަފްސުދޭނެވަރޭ އެއީ. މިއަދުވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެގޮތަށް މިޤައުމަށްޓަކައި ޤުރްބާންވާން މިތިބީ ތައްޔާރަށް.

އާދެ! އަޅުގަނޑު މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫން. އާދެ! މިއަދު ޗެލޭންޖަސްތައް މާބޮޑު. ގޮންޖެހުންތައް މާބޮޑު. އާދެ! އަޅުގަނޑު ފާހަގަކޮށްލަން، އެދުވަސްވަރު ދިވެހިރާއްޖޭގެ އަޑުން ނުވަތަ ރޭޑިއޯ މޯލްޑިވްސުން ނުވަތަ ތަފާތު ނަން ނަމުގައި ވާހަކަ ދައްކަވަމުން ދިޔައިރުގައި، އަބަދުވެސް އެބޭފުޅުން މަސައްކަތް ކުރެއްވި ޙަޤީޤީ ތެދު ރައްޔިތުންނާ ހަމައަށް ގެނެވޭތޯ. ވީމާ، އަޅުގަނޑު ދަންނަވާނީ، މިއަދު މި ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށުން މި ހިންގަވާ އަޑުން މިގޮތަށް ރައްޔިތުންނަށް ތެދު ޚަބަރާއި، ދެފަރާތް ފެންނަ ގޮތަށް ވާހަކަ ދެއްކުމަކީ އެއީ، އަޅުގަނޑުމެންނަށް މިއަދު ކުރަން ޖެހިފައި އޮތް ކަމެއް. ކިތަންމެ ދައްކަން ބޭނުންނުވިޔަސް، ހަމަ ދެފަރާތުގެ ވާހަކަ މިއަދު ދައްކަވަންޖެހޭނެ. އެއީ، ދެފަރާތް އެނގިގެން ނޫނިއްޔާ، ހިނގަންވީ މަގެއް ރައްޔިތުންނަކަށް ނޭނގޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް މަރްޙަބާ ކިޔަން. ދެންމެ އިސްވެރިން ވާހަކަ ދައްކަވަމުން ގެންދެވިއިރުގައި ތިޔަ ވިދާޅުވީ، ތިމަންމެން މަސައްކަތް ކުރާނީ، ދެފަރާތް ފެންނަގޮތަށް ވާހަކަ ދެއްކުމަށޭ. އަދި ޚަބަރުތައް ގެނައުމަށޭ. އާދެ! އެއީ ރައްޔިތުންގެ ޚަބަރުފަތުރާ ފަރާތަކަށްވާތީ އެއީ ހަމަ ކޮންމެހެން މުހިންމު ކަމެއް.

ޝައްކެއްނެތް، އަމިއްލަ ޓީ.ވީތަކާއި، އަމިއްލަ ރޭޑިއޯތަކާއި، ފްރިކުއެންސީތަކުން ތަފާތު ޚަބަރު ގެނެސްދޭނެ. އެހެންވެގެން، ފޮކްސް ނިއުސްވެސް ހުންނަނީ. ސްކައި ނިއުސް ހުންނަނީ. ސީ.އެން.އެން. ހުންނަނީ. ބީ.ބީ.ސީ.ވެސް ހުންނަނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިބޭފުޅުން ދެއްކެވި ވާހަކައާ އެއްގޮތަށް، ތިބޭފުޅުންގެ ޢަމަލުތައްވެސް ބަހައްޓަވާނެ ކަމަށް.

އާދެ! 50 އަހަރަކީ ވަރަށްދިގު މުއްދަތެއް. ވަރަށްގިނަ ޚިދްމަތްތަކެއް، ވަރަށްގިނަ ބޭފުޅުންތަކެއް ކޮށްދެއްވާފައި އޮތް ދުވަސްތަކެއް. އާދެ! އަޅުގަނޑު މިދެންނެވީ، އެޚިދްމަތްތައް ކޮށްދެއްވަމުން ވަޑައިގެންއިރުގައި، އެއްކަލަ މުސާރައަކަށް، ވަގުތަކަށް ނުބައްލަވާ މަސައްކަތް ކުރައްވަމުން ގެންދެވީ. އެއީ އަޅުގަނޑުމެންނަށް މިހާރުވެސް އެމް.ބީ.ސީ.ގެ މުވައްޒަފުންގެ ފަރާތުން ހަމަ ފެންނަ ކަމެއް. ކޮންމެހެން ވަކި ގަޑިއަކަށް، ވަކި ވަގުތަކަށް ބައްލަވައިގެނެއް ނޫން، އެބޭފުޅުންގެ ޕްރޮގްރާމްތައް ގެންދަވަނީކީ. ވީމާ، އެހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ހަމަ އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު އުންމީދު ކުރަން، މިތާ ވާހަކަ ދައްކަވަމުން ވިދާޅުވި، އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން ވިދާޅުވި، ދިވެހިރާއްޖޭގެ އަޑުއަހާ ގިނަ ފަރާތްތައް ވަނީ އަތޮޅުތަކުތެރޭގައޭ، މާލެއަކު ނޫނޭ. އެއީ ވަރަށްބޮޑު ޙަޤީޤަތެއް. މާލޭގައި ދާނެ ތަންތަނާއި، ކުރާނެ ކަންތައްތަކާއި، ހަރާނެ ވަޅިތަކާއި އަދި މިނޫންވެސް އެއްޗެހި ވަރަށްގިނަ. ބައެއް އަތޮޅުތަކުގައި އަދި އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތްފުޅުން ތަންކޮޅެއް މަދު މިފަދަ ކަންތައްތައް. ހަމަ ގިނަފަހަރަށް އަޑުއެހެނީ ރޭޑިއޯގެ އަޑު. އަދި މުއްސަނދިކަމާއި ތަނަވަސްކަން ހުރި މިންވަރުންވެސް ގިނަފަހަރަށް ރޭޑިއޯ އަޑުއަހާލުމަކީ އެއީ ހަމަ ކުރެވޭކަމެއް. އަދި ދަތުރުމަތީގައިވެސް ރޭޑިއޯ އެހުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށްގިނަ މީހުން ކުރާ ކަމެއް. ވީމާ، އަޅުގަނޑަށް ހީވަނީ، މި ޚިދްމަތްތައް އަތޮޅުތަކުން ނުވަތަ އަތޮޅުތަކުގެ އެކިއެކި ސްޓޭޝަންތަކުން ދެވޭތަނެއް ފެނުމަކީ، އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ކަމެއްހެން.

އާދެ! އަޅުގަނޑު އުންމީދު ކުރަން، ދެންމެ ސޮއިކުރެއްވި ވާހަކަ ވިދާޅުވި ފަރާތުންވެސް އެކަންތަކާ ކުރިއަށް ދިޔުމުގައި، ތިޔަބޭފުޅުންނަށް އެކަމުގެ މަގު ފަހިވެގެންދާނެ ކަމަށް. އަދި އަޅުގަނޑުގެ އުންމީދަކީ، ބޭރުގެ އެކިފަރާތްތަކުގެ ތަޖްރިބާއާ އެކީގައި، އާދެ! ބޭރުގެވެސް ރާއްޖެއަކީ އިސްލާމް ޤައުމެއްކަން ދެނެހުރެ، ގެންނަންވީ ތަޖްރިބާތައް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވުމުގައި ތިޔަބޭފުޅުން މަސައްކަތް ކުރަންވާނީ. އަޅުގަނޑު ގަބޫލެއް ނުކުރަން، ބޭރުގެ ހުރިހާ ތަޖްރިބާތަކަކީ، މި ކުޑަކުޑަ އިސްލާމް ޤައުމު ތަޖްރިބާ ކުރަންޖެހޭނެ އަދި ކުރަންވީ ތަޖްރިބާތަކެއް ކަމުގައެއް. އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމުގައި މަސައްކަތް ކުރާއިރުގައި، ދިވެހިވަންތަކަން، ދިވެއްސެއްކަން، އިސްލާމެއްކަން މިއީ އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންކޮށް ބިންވަޅު ނެގިފައި އޮންނަންޖެހޭނެ ކަންތައްތައް. މިގޮތުން ނޫނިއްޔާ، މި ދިވެހި ޤައުމު ކުރިއަކަށް ނުދާނެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

ވީމާ، އަޅުގަނޑުގެ އުންމީދަކީ، ތިޔަބޭފުޅުންގެ ޕްރޮގްރާމްތަކާއި އަދި ރައްޔިތުން އަޑުއަހާހިތްވާ އެކިއެކި ވާހަކަތަކާއި އަދި މިނޫންވެސް އެކިއެކި ތަފާތު މަސައްކަތްކުރާ މީހުން ތަޢާރުފް ކުރެއްވުމުގައި، ރައްޔިތުންނާ ހަމައަށް ގެންނެވުމުގައި އިތުރު މަސައްކަތްތަކެއް، ކުރިއަށް އޮތްތާ ކުރައްވާނެ ކަމަށް. އެއީ އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ޒުވާނުން، ވަރަށްގިނަ މަސައްކުރާ އެކިއެކި ފަންނާނުން ތަޢާރުފްކޮށް، އެމީހުންގެ ނަން އަޅުގަނޑުމެން ކުރިއަށް ގެންދަން. ލެރީ ކިންގަކީ އެއީ، މަތިން ފޭބި މީހެއް ނޫން. އެވެސް ބަޔަކު ޕްރޮމޯޓްކުރި މީހެއް. އަޅުގަނޑު އުންމީދު ކުރަނީ އެގޮތަށް. އަޅުގަނޑަށް ހީވަނީ، އިއްބެގެ ކޮންމެވެސް ޕްރޮގްރާމެއްވެސް އެހެން ތަޢާރުފްވެގެން ދިޔަކަންނޭނގެ. އާދެ! އަޅުގަނޑު އުންމީދު ކުރަނީ، އެގޮތަށް ތިބޭފުޅުންގެ ތެރޭގައިވެސް، އެކިއެކި ފަންނާނުންނާއި، އެކިއެކި ކުޅަދާނަ މީހުން އުފައްދަވައި، އެބޭފުޅުން ރައްޔިތުންގެ ތެރެއަށް ނެރުއްވައި، ހީރޯއިންނަށް ހެއްދެވުން. ދެން މިއަދު ހީރޯއަށްވާ ވަރަށް ތަފާތު ގޮތްގޮތް ހުރޭ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، މިތަނުގެ ތެރެއިން ތިބޭފުޅުން އެގޮތްގޮތަށް ބޭބޭފުޅުން ނެރުއްވައި، އެ ފަންނާނުން އެހެން ފަރާތްތަކަށް ތަޢާރުފްކޮށްދެއްވައި، އެ މަޝްހޫރުކަން އަޅުގަނޑުމެންގެ ތެރޭގައި، އޭރުން އަޅުގަނޑުމެންގެ މުޖްތަމަޢު މުއްސަނދިވާނީ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކުޅަދާނަ ފަންނާނުންތަކެއް ތިބިކަން ޢާންމުންނަށް އެނގިގެން. މިއީ އަޅުގަނޑުމެން ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް ކުރެއްވެވޭނެ ކަމެއް. ތިބޭފުޅުންގެ އެ ތަޖްރިބާއާއި، އެކްސްޕީރިއަންސާއި އަދި ލަޔާޤަތާއި ޤާބިލިއްޔަތު ތިޔަބޭފުޅުންގެ އެބަހުރި.

އާދެ! އަޅުގަނޑު މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. ޝައްކެއްނެތް، ދައްކާނެ ވާހަކަ ވަރަށްގިނަ ވާހަކަ އެބަހުރި. މާޒީގެ ވާހަކަތައްވެސް އެބަހުރި. އެކަމަކު މާޒީގެ ވާހަކަވެސް އަޅުގަނޑަށް ހީވަނީ ވަކިވަރަކަށްހެން ދައްކަންޖެހޭނީ. އެހެންވީމާ، އަޅުގަނޑު މިހިސާބުން މާޒީގެ ވާހަކަވެސް ދެއްކުން ހުއްޓާލާފައި އަދި އަޅުގަނޑަށް ދަޢުވަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ތިޔަބޭފުޅުން އަޅުގަނޑުގެ ފަރާތުން އެއީ، ޑީންގެ ފަރާތުންވެސް ހަމަ އެދިވަޑައިގެންހާ ކަމަކަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ދެވުނު ހިތްވަރަކާއި، އަޅުގަނޑުގެ ތަންދިން މިންވަރަކުން އަޅުގަނޑު ތިޔަބޭފުޅުންނާ އެކުގައި މަސައްކަތް ކުރާނީ. އަދި މި މަޤާމުގެ ގޮތުން، މިވަގުތު މި މަޤާމުގައި ހުރި މީހަކަށް އަޅުގަނޑުވާތީ، މިގޮތުން ތިޔަބޭފުޅުންގެ ބަޖެޓާއި އަދި ތިޔަބޭފުޅުން މަސައްކަތް ކުރައްވައިގެން، ތިބޭފުޅުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަންތައްތަކުގައި، އަޅުގަނޑަށް ދާއިރާއިން ފުރްޞަތު ލިބުނު މިންވަރަކުން އަޅުގަނޑު ތިޔަބޭފުޅުންނަށް، އެ އެހީތެރިކަންވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ދޭނަން.

އަޅުގަނޑު ފާހަގަކުރަން، ރައްޔިތުންގެ އަޑު މިއީ. ރައްޔިތުންނަށް އިވޭ އަޑު މިއީ. ރައްޔިތުންގެވެސް އަޑު މިއީ. މި އަޑަކީ މިއީ ރައްޔިތުންގެ ޤަބޫލުކުރާ މަޤްބޫލު އަޑަކަށް މިހާރު މިއޮތީ ވަރަށް ބޮޑަށް ވެފައި. އަދި ކުރިއަށް އޮތް ތާނގައި، އެއަށްވުރެ މަޤްބޫލުކަން މާތްﷲ ދެއްވުމަށް އަޅުގަނޑު ދުޢާކުރަން.

والســّلام عليــكم