ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރޭ ރަންޔޫބީލު ޙަރަކާތްތައް ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، މިއަދު ފަށްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވުނު ރަސްމިއްޔާތުގައި މި ޙަރަކާތްތައް ފެށްޓެވުމުގެ ގޮތުން، ރަންޔޫބީލް ލޯގޯއާއި ރަންޔޫބީލް ލަވަ އެމަނިކުފާނު ނެރުއްވައިދެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ރޭޑިޔޯގެ ޚިދްމަތް ފެށިގެން އަޑުގެ އެކި ޕްރޮގްރާމްތައް ކުރިއަށްދިޔަ ދުވަސްވަރަކީ، އެމަނިކުފާނުވެސް އަޑުގެ ވަޒީފާގައި އުޅުއްވި ދުވަސްވަރުކަމަށް ވިދާޅުވެ، އޭރުގެ ހަނދުމަފުޅުތައް އާ ކުރެއްވިއެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ އަޑުގައި ނުވަތަ ރޭޑިއޯ މޯލްޑިވްސްގައި މަސައްކަތް ކުރެއްވި ބޭފުޅުން މަސައްކަތްޕުޅު ކުރެއްވީ، ޙަޤީޤީ ތެދު މަޢްލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދުވެސް ރައްޔިތުންނަށް ތެދު ޚަބަރު ގެނެސްދީ، ދެފަރާތް ފެންނަ ގޮތަށް ވާހަކަ ދެއްކުމަކީ، އަޅުގަނޑުމެންނަށް މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. "ކިތަންމެ ދައްކަން ބޭނުންނުވިޔަސް، ހަމަ ދެފަރާތުގެ ވާހަކަ މިއަދު ދައްކަވަންޖެހޭ. އެއީ، ދެފަރާތް އެނގިގެން ނޫނިއްޔާ، ހިނގަންވީ މަގެއް ރައްޔިތުންނަކަށް ނޭނގޭނެ." ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ހިތާމައަކީ މާޒީ ހަނދާންނެތުން ކަމަށާއި، އެއީ އަޅުގަނޑުމެންގެ އެންމެ ދެރަ ނިކަމެތި ސިފަކަމަށެވެ. އަދި އެދުވަސްވަރު މާބޮޑު ތަޖުރިބާއެއް ނެތި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅުންގެ މަސައްކަތަށް ތަޢުރީފް ކުރައްވަމުން އެއީ، ޤައުމަށްޓަކައި އެބޭފުޅުން ވެވަޑައިގެންނެވި ވަރަށް ބޮޑު ޤުރްބާނީއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، 50 އަހަރަކީ ވަރަށްދިގު މުއްދަތެއް ކަމަށާއި، މި ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އަޑަށް ވަރަށްގިނަ ބޭފުޅުން ވަރަށް ގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އެބޭފުޅުން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، ލިބިވަޑައިގެންނެވި މުސާރައަކަށް، އަދި ވަގުތަކަށް ނުބައްލަވާ ކަމަށާއި، މިއީ، އަޅުގަނޑުމެންނަށް މިހާރުވެސް އެމް.ބީ.ސީ.ގެ މުވައްޒަފުންގެ ފަރާތުން ފެންނަ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ބޭރުގެ އެކިފަރާތްތަކުގެ ތަޖުރިބާއާ އެކީގައި އެކި ބަދަލުތައް ގެންނަމުންދާއިރު، އެބަދަލުތައް ގެންނަންވާނީ، ރާއްޖެއަކީ އިސްލާމް ޤައުމެއްކަން ދެނެގެންކަމަށް ވިދާޅުވެ، އެކަމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާއިރު އަޅުގަނޑުމެންނަކީ، އިސްލާމުންކަމާއި ދިވެހިންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ ފުންކޮށް ބިންވަޅު ނެގިފައި އޮންނަންޖެހޭނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، މިނޫންގޮތަކަށްނޫނީ މި ދިވެހި ޤައުމު ކުރިއަކަށް ނުދާނެއެވެ. މިއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އަޑުން އެކިއެކި ޕްރޮގްރާމްތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމުގައި، ކުރިއަށްއޮތްތާނގައި އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކި ރޮނގުރޮނގުގެ ޒުވާން ފަންނާނުން ތަޢާރުފުކޮށް އެފަދަ ޒުވާނުން އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.