ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެމެރިކާ ސަރުކާރުން އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރެއްވީ، އެމެރިކާގެ 236 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމެރިކާ އެމްބަސީއިން މިއަދު ހަވީރު ޓްރޭޑަރސް ހޮޓެލްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެމެރިކާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތައް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޑިފެންސްގެ ދާއިރާއިން ރާއްޖެއަށް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިޔާ ބިއުޓެނިސް، ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުގައި ތަރައްޤީ ކުރައްވައި ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެކަމަނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.