ޖަރުމަން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔެންސް ޕްލޯޓްނަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވުމަށްފަހު، ސަރުކާރަށް ސިޔާސީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން، ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް އެމަނިކުފާނު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަރުމަން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވުމަށްފަހު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުން ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެންނަމުންދާ ކަމަށް ވިދާޅުވެ އެމަސައްކަތްތަކަށް ހިތްވަރު ދެއްވިއެވެ.