އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑް 2012 އިން އެކި އެވޯޑްތައް ހާޞިލް ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެ، މުބާރަކްބާދީ އަދާކުރައްވައި، އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރު ދެއްވައިފިއެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން އިންތިޒާމް ކުރައްވައިގެން، ރޭ ދަރުބާރުގޭގައި ބޭއްވެވި އެވޯޑް ދިނުމުގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ޙަފްލާއަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ފިލްމް އެސޯސިއޭޝަންގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޙަފްލާއަށް ދަރުބާރުގެއަށް ވަޑައިގަތުމުން ލިބިވަޑައިގަތީ ޙައިރާންކަމެއް ކަމަށާއި، ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ބޭފުޅުންނަކީ، ވަރަށް ހުނަރުވެރި ކުޅަދާނަ ބޭފުޅުންކަން އެނގިވަޑައިގެންފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފިލްމް އިންޑަސްޓްރީގެ މަސައްކަތް، އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑް 2012 އިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވީ އަލްފާޟިލާ ޢާރިފާ އިބްރާހީމެވެ. ޢާރިފާ އިބްރާހީމަށް މި ޙަފްލާގައި އެވޯޑު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑް 2012ގެ އެންމެމޮޅު ފީޗަރ ފިލްމަކަށް ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލައެއް ހުށަހެޅުއްވިއެވެ. މި ފިލާ ލިބުނީ، ފިލްމް ލޫދިފާއަށެވެ.