ރާއްޖޭގެ ތަރައްޤީގައި ޒަމާނީ ޓެކްނޯލޮޖީގެ ޙިއްޞާ އިތުރަށް ފުޅާކުރެއްވުމަށްޓަކައި [މޯލްޑިވްސް އައި.ޓީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް]ގެ މަޝްރޫޢެއް ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިން މިކަން މިގޮތަށް ނިންމެވީ، މި މަޝްރޫޢު ކުރިއަށް ގެންދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މި މަޝްރޫޢަކީ، ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްޤީގެ އޮނިގަނޑުގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަގުފަހިކޮށް، ސަރުކާރާއި ދައުލަތުން ދެއްވަމުން ގެންދަވާ ޚިދްމަތްތައް، ޤައުމީ ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް، އިތުރަށް ހަރުދަނާކޮށް އަދި ލުއިފަސޭހަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދްމަތްތައް ފޯރުއްވައިދެއްވުމުގެ މަޤްޞަދުގައި ހިންގެވުމަށް އެކުލަވައިލެއްވި މަޝްރޫޢެކެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅި، ޚިދްމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް ސްމާޓް ކާޑު ތައްޔާރުކުރެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ނެޓްވާރކެއް ޤާއިމްކޮށް، އެ ނެޓްވާރކްގެ ތެރެއިން ސަރވައިލަންސްގެ ޚިދްމަތްތައް ދެއްވަމުން ގެންދަވާނެއެވެ. އަދި ޢާންމު ރައްޔިތުންނަށް ފޯރުވައިދޭ ޚިދްމަތްތައް، ފަސޭހަކަމާއެކު ފޯރުވައިދެވި، ދައުލަތުގެ ބަޖެޓުން ހޭދަކުރާ މިންވަރު، މި މަޝްރޫޢުގެ ސަބަބުން ވަރަށްބޮޑުތަން ކުޑަވެގެންދާނެކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އައި.ޓީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި ޢިމާރާތެއް ޤާއިމް ކުރެއްވުމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތަކަށް މި ޢިމާރާތް ފަރުމާ ކުރައްވައި ބިނާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ވަޒީފާއާބެހޭ ސިޔާސަތު އެކުލަވައިލެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، މި ސިޔާސަތު ނިންމެވިއެވެ.