ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ކުށްތައް މަދުކޮށް، ކުރީގައިވެސް ރާއްޖޭގައި އޮތް އަމާން ވެށި ޤާއިމް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކްރައިމް ރިޑަކްޝަން ކޯޑިނޭޓިންގ ކޮމިޓީއަކާއި، ކްރައިމް ރިޑަކްޝަން ޓާސްކްފޯހެއް މިއަދު އުފައްދަވައިފިއެވެ.

ކްރައިމް ރިޑަކްޝަން ކޯޑިނޭޓިންގ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް މުޙަންމަދު ނާޒިމާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒާއި، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ. މިކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.

ކްރައިމް ރިޑަކްޝަން ޓާސްކްފޯސްގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ. ޓާސްކްފޯސްގެ އެންމެ އިސް ފަރާތެއްގެ ގޮތުން ހިމެނިވަޑައިގަންނަވާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ބޭފުޅެކެވެ. މީގެއިތުރުން، މިޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެޓަރނީ ޖެނެރަލާއި، ކޮމިޝަނަރ އޮފް ޕޮލިސްއާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ފަރާތުން ބޭފުޅަކާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭފުޅަކާއި، މިނިސްޓަރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ބޭފުޅެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކުށްކުރުން އިތުރުވަމުންދާއިރު، ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 438 ކުށްވެރިންވަނީ މުޖުތަމަޢަށް ދޫކޮށްލެވިފައެވެ. މީގެ ތެރެއިން 125 މީހުންވަނީ އެކި ކުށްކުށުގައި އަލުން ހައްޔަރުކޮށްފައެވެ. އަދި 313 އެއްހާ މީހުން އަދިވެސް މިނިވަންކަމާއެކު އުޅެމުން އެބަގެންދެއެވެ.