ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، މިއަދުން ފެށިގެން އެ އުޞޫލުތަކަށް ޢަމަލުކުރައްވަން ފަށްޓަވައިފިއެވެ. ސިޔާސީ މުވައްޒަފުން ކަމަށް ބެއްލެވުމަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ކެބިނެޓް ސެކްރެޓަރީ ސޮއިކުރައްވާ ލިޔުމަކުން ވަޒީފާ ހަމަޖައްސަވާ ފަރާތްތަކެވެ.

ސިޔާސީ މުވައްޒަފުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތަކުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި ހިމަނުއްވާފައިވަނީ، މުވައްޒަފުންގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ސިއްރު ހިފެހެއްޓުމާއި، ބާރާއި އިޚްތިޔާރު ބޭނުންކުރުމާއި، ޙާޒިރީގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތާއި، ޗުއްޓީއާއި، ދަތުރުތައް ކުރެވޭގޮތާއި، މަސައްކަތުގައި އުޅޭއިރު ހެދުން އަޅަންވީގޮތާއި، އިސްތިޢުފާ ދިނުމާއި، މަޤާމުން ވަކިވުމާ ގުޅޭ ބައިތަކެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަޒީރުން ފިޔަވައި ސޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މުވައްޒަފުންގައި ހުންނަންޖެހޭ އަސާސީ ސިފައަކީ، މުވައްޒަފުގެ ޢާންމު ދިރިއުޅުމުގަޔާއި، ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވުމުގަޔާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެންމެމަތީ ދަރަޖައަކަށް ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ސަރުކާރުގެ ސިޔާސަތު، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ތަންފީޛު ކުރުމަށް މަސައްކަތް ކުރުމުގެ ސިފައެވެ.

ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުމާއި، ދައުލަތާއި ރައްޔިތުންގެ މަޞްލަޙަތަށް އަބަދުވެސް އިސްކަންދިނުން ހިމެނެއެވެ. އަދި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރްމަތްތެރިކޮށްހިތުމާއި، ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުޞޫލުތަކެއް ނުގެންގުޅުމާއި، އެއްވެސް މީހެއްގެ އަބުރަށް ނުވަތަ ޢިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ނުކުރުންވެސް ހިމެނެއެވެ. މީގެއިތުރުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އަމިއްލަ މަންފާއެއް ޙާޞިލް ކުރުމަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ޙާޞިލްކޮށްދިނުމަށް މަސައްކަތް ނުކުރުމާއި، ސަރުކާރުގެ އެއްވެސް މުދަލެއް، ފައިސާއެއް ނުވަތަ ވަސީލަތެއް މަޤާމުގެ ޙައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތަކަށް މެނުވީ ބޭނުންނުކުރުންވެސް ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނެއެވެ.

މަޤާމުގެ ޙައިޘިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މަޢުލޫމާތެއް، އަމިއްލަ މަޞްލަޙަތެއް ޙާޞިލް ކުރުމަށް ނުވަތަ ޢާއިލީ ގުޅުމެއް އޮތް ނުވަތަ ރައްޓެހިކަމުގެ ނުވަތަ އެނޫންވެސް ގުޅުމެއް އޮތް މީހެއްގެ މަޞްލަޙަތެއް ޙާޞިލް ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި، މަޤާމުގެ ޙައިޘިއްޔަތުން ލިބިފައިވާ، ކުރިން ހާމަކޮށްފައިނުވާ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔުމެއް ޤާނޫނަކުން އެހެން ގޮތަކަށް ލާޒިމް ނުކުރާހާ ހިނދަކު، ހާމަކޮށްގެން ނުވާނެ ކަމަށްވެސް މި އުޞޫލުތަކުގައި ބަޔާންކޮށްފައިވެއެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މުވައްޒަފުން ރަމަޟާން މަސް ނޫން އެހެން މަސްމަހު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30ގެ ކުރިން އަދި ރަމަޟާން މަހުގެ ހެނދުނު 9.30ގެ ކުރިން ޙާޒިރުވެ، ޙާޒިރުވިކަން ރެކޯޑްކުރަން އޮންނަ އުޞޫލަކުން އެކަން ރެކޯޑްކުރަންޖެހެއެވެ.

ސިޔާސީ މުވައްޒަފުންނަށްވެސް ސިޔާސީ މަޤާމަށް ހަމަޖެހޭ ތާރީޚުން ފެށިގެން މީލާދީގޮތުން އެއްއަހަރުވުމުން، އަހަރީ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމަނައި، 30 ދުވަސް ދެއްވުމަށާއި، ޢާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމަނައި، އަހަރެއްގެ ތެރޭގައި 10 ދުވަސް ދެއްވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމަނައި، އަހަރެއްގެ ތެރޭގައި 60 ދުވަސް ދެއްވުމަށާއި، ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ތިންދުވަސް ދެއްވުމަށާއި، އަދި ދަރިއަކު ޚިޠާނު ކުރުމާ ގުޅިގެންދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ހިމަނައިގެން، ފަސްދުވަސް ދެއްވާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ސިޔާސީ މުވައްޒަފުންގެ ތެރެއިން ޙައްޖަށްދާން އެދޭ މުވައްޒަފުންނަށްވެސް، މާލެއިން ފުރާ ދުވަހުން ފެށިގެން ހަމަޖެހިފައިވާ އޮންނަ އުޞޫލުން 30 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ސިޔާސީ މުވައްޒަފުންނަށްވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރެއްގެ ތެރޭގައި ދެއްވުމަށް ހަމަޖައްސަވާފައިވަނީ 30 ދުވަހެވެ. ވިދިވިދިގެން ދެދުވަހަށްވުރެ ގިނަ ދުވަހަށް ސަލާމުގެ ޗުއްޓީ ނެގޭނީ، މުވައްޒަފު ބަލިކަމަށް ބަޔާންކޮށް ޑޮކްޓަރުދޭ ލިޔުމެއް ހުށަހަޅައިގެންނެވެ.

ސަލާމް ބުނުމާއި ޗުއްޓީ ނެގުމާ ގުޅޭގޮތުން މިލިޔުމުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް، ސިޔާސީ މުވައްޒަފު މަސައްކަތަށް ޙާޒިރުނުވެ ހުންނަ ދުވަސްތަކަށް މުސާރަ ނުލިބޭގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރައްވާނެ އުޞޫލުތަކެއް، ކުރިއްސުރެ އެކުލަވައިލެވި، އެ އުޞޫލުތަކަށް މިހާރުވެސް ގެންދަވަނީ ޢަމަލު ކުރައްވަމުންނެވެ.