ރިއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބްރެޒީލަށް ކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ވަޒީރުންގެ މަޖިލީހަށް މިއަދު ދެއްވައިފިއެވެ. ސަމިޓާބެހޭ މަޢުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސަމިޓްގައި ދުނިޔޭގެ ސަތޭކަ ވިއްސަކަށް ޤައުމުގެ ވެރިންނާއި، އެފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ދުނިޔޭގެ އެކި ޤައުމުތަކުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައި ވިދާޅުވިއެވެ. އަދި ބައެއްކަހަލަ ކަންތައްތަކުގައި، ކުރިއަށްވުރެ ބޮޑަށް ދުނިޔޭގެ ލީޑަރުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިދަތުރުފުޅުގައި ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާއި އަދި ބައެއް ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށާއި، ރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އެބޭފުޅުންނަށް މަޢުލޫމާތު އެރުއްވި ކަމުގައި ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުވަދުއަތޮޅު އުތުރުބުރީ ފަޅުވެއްރެހާ، މިހާރު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށްޓަކައި، ފަޅުރަށްރަށުގެ ދަފްތަރުން އެ ރަށް އުނިކުރައްވައި، ވިލިނގިލީގެ ބައެއްގެ ގޮތުގައި، އެ ރަށް ހިމެނުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ އެރުއްވިއެވެ.