ރިއޯ ސަމިޓްގެ ނިންމުންތަކުން ކުދި ޤައުމުތަކަށް ޚާއްޞަ އަހަންމިއްޔަތެއް ލިބިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަމިޓަކީ މުޅި ދުނިޔެއަށާއި، ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރި ސަމިޓެއް ކަމަށާއި، 1992 ވަނަ އަހަރު ބޭއްވުނު އާރތް ސަމިޓްގައި ދުނިޔެއިން އެއްބަސްވެފައިވާ އެއްބަސްވުންތަކަށް މިފަހަރުގެ މިސަމިޓުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

މިސަމިޓްގެ ނިންމުންތަކުގައި ދުނިޔޭގެ ތަރައްޤީވެފައިވާ އެކިޤައުމުތަކުން އެ ޤައުމުތަކުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވަރަށް ސާފުކޮށް އަލިއަޅުވާލާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށްވާ، ކަނޑުތަކުގެ ޙިމާޔަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މި ސަމިޓްގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިޤްތިޞާދީ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، ތިމާވެށީގެ ރޮނގުން މި ތިންބައި ގުޅުވާލައިގެން، ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މި ސަމިޓްގައި ވާހަކަ ދެކެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ކޮންފަރެންސެއް 2014 ވަނަ އަހަރު ބޭއްވެވުމަށް މި ސަމިޓުން ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްތައް ޙާޞިލް ކުރުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ރިއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިކުރެއްވި ދަތުރުފުޅުގައި، ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވި ކަމަށާއި، ރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އެބޭފުޅުން މަޢުލޫމާތު ހޯއްދެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞުލްޙަވެރިކަމާ އެކީގައި ވާހަކަ ދައްކައިގެން، ކަންކަން ކުރިއަށް ގެންދާތީ، އެބޭފުޅުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މާތްﷲގެ އިރާދަފުޅުން ކެތްތެރިކަމާ އެކީގައި، އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް، ޞުލްޙަވެރިކަމާ އެކުގައި ރާއްޖޭގެ މާޙައުލު މިގޮތަށް ބޭއްވުނުކަން އެއީ، ދުނިޔޭގެ ޤައުމުތަކުގެ ވެރިން އެކަމާ އުފާފުޅު ކުރައްވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.