بســم اللّـه الرّحمـن الرّحيــم

ބަންޑާރަ ނައިބު، ވަޑައިގެން ތިއްބެވި ހުރިހާ މިނިސްޓަރުން އަދި މި އެޖެންސީ ހިންގެވުމާ ޙަވާލުވެ ހުންނެވި އަޅުގަނޑުމެންގެ ޙަރަކާތްތެރި ލުބްނާ. ޔޫ.އެން.އޯ.ޑީ.ސީ.ގެ ބޭފުޅުން އަދި ވަރަށް ޙަރަކާތްތެރިކަމާއެކީ މަސައްކަތް ކުރައްވާ މަދަނީ ޖަމްޢިއްޔާތަކުގެ ބޭފުޅުން. އާދެ! ދެން މިތަނަށް ވަޑައިގެން ތިއްބެވި މި ޤައުމުގެ މަދު ރައްޔިތުން.

السّــلام عليــكم

އާދެ! ޑްރަގްސްގެ މައްސަލަ ދިވެހިރާއްޖޭގައި އޮތް ހިސާބު އަޅުގަނޑަށް ހީވަނީ އިތުރު ތަޢާރުފެއް އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާހެން. އާދެ! މިއަދު އަޅުގަނޑުމެންނަށް އެނގޭ، ޖަމްޝީދު ވިދާޅުވިގޮތަށް، އިޖްތިމާޢީ ކަންތައްތަކުގައި އަދި އިޤްތިޞާދީ ކަންތައްތަކުގައި އަދި ޤައުމުގެ ހުރިހާ ދިމާލެއްގައިވެސް މި ޑްރަގްސްގެ ކަންތަކުގައި އުޅޭ ނުވަތަ މި ޙާލުގައި ޖެހިފައި ތިބި ކުދިން ތިބިކަން. އަޅުގަނޑު މިއަދު ހިތާމަކުރަނީ، ނޭދެވޭ ގޮތްގޮތަށް، މި ދަރިންގެ ބޭނުންކުރާ ބަޔަކުވެސް މިޤައުމުގައި ތިބިކަމަށްޓަކައި. އެނގޭތީ އަޅުގަނޑު މިދަންނަވަނީ.

އާދެ! އަޅުގަނޑު އޭގެ ތަފްޞީލަކަށް ނުދާނަން. ކޮން ސިފައެއްގައި، ކޮންގޮތަކަށް، ކޮންބައެއް ކަމެއް. އެހެން ނަމަވެސް، އެއީ މި ޤައުމުގައި މިއަދު ސިއްރު ވާހަކައެއް ނޫން، ނޭނގޭ ވާހަކައެއް ނޫން. އާދެ! މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހެނީ، އެ ސަބަބަށްޓަކައި. މިކުދިންނަކީ އަމިއްލަ ނަފްސު، އޭނާގެ ސިކުނޑީގެ މައްޗަށް ބާރު ނުހިންގޭ ބައެއްގެ ގޮތުގައި ތިއްބައި، ހެޔޮވިސްނޭ، ތަންދޮރު ދަންނަ، ކިޔަވައިގެން ތިބި ލީޑަރުން ކަމުގައި އަޅުގަނޑުމެން ދެކޭ މުޖްތަމަޢުގެ އެކިއެކި ފަރާތްތައް މިދަނީ މިދަރިންގެ ބޭނުން، ނޭދެވޭ ގޮތުގައި، ނާޖާއިޒު ފައިދާ ނެގުމަށް ބޭނުންކުރަމުން. އާދެ! މިއީ އަޅުގަނޑުމެން މިއަދު ލަދުގަންނަންޖެހޭނެ ކަމެއް. މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ވިސްނާލަމާތޯ؟ ތިއިން ކޮންމެ ދަރިއަކީ، ލޯބިވާ ބައްޕައަކާއި މަންމައަކަށް ލިބިފައިވާ ލޯބިވާ ދަރިއެއް. އޭނަ ދުނިޔެއަށް އައިއިރަކު، އޭނައަކީ ޑްރަގްގެ އެޑިކްޓެއް ނޫން ދޮއެއްތޯ؟ މާތްﷲ އޭނަ ދުނިޔެއަށް ފޮނުއްވާފައިވަނީ، ޠާހިރު ދަރިއެއްގެ ގޮތުގައި. ސުވާލަކީ، ކިހިނެއްހޭ އެހިސާބަށް އޭނައައީ؟ ކިހިނެއްހޭ އެހިސާބަށް އައުމުގައި ކޮންބައެއްހޭ އޭގައި ޒިންމާވީ؟ ކޮބައިތޯއޭ ސަރުކާރުގެ ޒިންމާ. ކޮބައިތޯއޭ މުޖްތަމަޢުގެ ޒިންމާ. ކޮބައިތޯއޭ ވިޔަފާރިވެރިންގެ ޒިންމާ.

އާދެ! އަޅުގަނޑުމެންނަކީ ސަތޭކަ ސަތޭކަ އިސްލާމުން. ކޮބައިތޯ ދީނީގޮތުން އެކަމުގައި އޮތް ޒިންމާ. މިހުރިހާ ކަމެއްވެސް އޮތީ ހަމަ އޮތް ތަނުގައި. ޤައުމުގައި ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް މިވަބާ ގިނަވަމުން. މިއަދު މިއޮތީ އަޅުގަނޑުމެންގެ ތެރޭގައި އެކަން ކޮންޓްރޯލް ކުރުމަށް ދަތިވެ، އަދި ހަމައެހެންމެ، ބޮޑު ވިޔަފާރިއަކަށް އެކަންވެފައި. އަޅުގަނޑު ހަނދާނަށް އާދޭ، އަޅުގަނޑު ކައިރީގައި ހުޅުމާލޭގައި އުޅޭ ކުއްޖަކު ބުނި، ތިމަންނަ ފެށީ ހަތަރުހާސް ރުފިޔާއިންނޭ. ހަތަރުމަހާ ބައި ނުވަނީސް ތިމަންނައަށް ފަންސަވީސްހާސް ރުފިޔާ ސޭވްކުރެވުނޭ. ކިހިނެއްހޭ، ޑީން ބުނީމަ، މިކަންތައް ތިމަންނަ ހުއްޓާނީ. އާދެ! އެއީ މީގެ ގާތްގަނޑަކަށް އަށެއްކަ އަހަރު، ދިހަވަރަކަށް އަހަރު ކުރިން. ހަމަ މިއަދު ޔަޤީނުންވެސް ހަތަރުމަސް ދުވަހުން ލިބޭނީކީ، ވިހިހާސް ރުފިޔާ، ފަންސަވީސް ހާސް ރުފިޔާއެއް ނޫން. މިއީ ދަންނަވަންތޯ، މީގައި ބިރުގަންނަންޖެހޭ ސަބަބަކީ. މި ވިޔަފާރިއަކަށް ބަދަލުވީމާ، އެއްގޮތަކަށްވެސް އިޙްސާސެއް ނުކުރެވޭ، މިއީ ތިމަންނަ ނުކުރާންވީ ވިޔަފާރިއެއް ކަމަކަށް. މިއީ ތިމަންނަ ފައިސާ ނުހޯދާންވީ ގޮތެއް ކަމަކަށް. ހަމަ ކޮންމެ ހުކުރު ދުވަހަކު ހުކުރު ޚުޠުބާވެސް އަޅުގަނޑުމެންނަށް އަޑުއިވޭ. ހަމަ ކޮންމެ ދުވަހަކު ދީނީ ނަޞޭޠްތައްވެސް އަޅުގަނޑުމެންނަށް އަޑުއިވޭ. ސުވާލަކީ ކީއްވެގެންތޯ؟ އާދެ! މީގެ ޒިންމާ ހުރިހާ ސަރުކާރަކުންވެސް، ހުރިހާ ރައްޔިތުންވެސް، ހުރިހާ ވަޒީރުންގެ މަޖިލީހުންވެސް، ހުރިހާ ރައްޔިތުންގެ މަޖިލީހުންވެސް ނަގަންޖެހޭ. އެއީ، މިކަންކަމަށް، ޒުވާނުންނަށް އެކިއެކި މަސައްކަތްތައް ހުޅުވާލެވޭނެ ފުރްޞަތުތައް، ޤައުމު ތަރައްޤީވެގެން ކުރިއަރައިގެން ދިޔައިރު، ޒުވާނުންގެ ތަރައްޤީއާ އެއްވަރަށް ޤައުމުގެ ވަސީލަތްތައް ޤާއިމް ނުކުރެވުނީ. އަދި އަޅުގަނޑުމެންނަށް ތަޙުޤީޤުތަކުން އެނގޭ، މިކުދިންނަކީ، މި ޑްރަގްސް ނަގާ ވަރަށްގިނަ ކުދިންނަކީ، ވަރަށް އިންޓެލިޖަންޓް، ވަރަށްމޮޅު، ވިސްނުންތެރި، ކުޅަދާނަ ކުދިންކަން. ވެބްސައިޓްތައް ހެކްކުރުމާއި، އަދި މިނޫންވެސް އެކިއެކި މަސައްކަތްތަކުގައި ވަރަށް ކުޅަދާނަ ކުދިން. އަޅުގަނޑު މިހެން މިދަންނަވަނީ، ޖަރނީ، ސްވޯރޑް އަދި މިނޫންވެސް މި ޖަމްޢިއްޔާތަކާ އަޅުގަނޑާ އެސޯޝިއޭޓްވެފައި އޮންނަ، އެސޯޝިއޭޓްވީ ނުވަތަ ވާހަކަ ދެކެވެމުން މިދަނީ މިއަދަކު ނޫން އިނގޭތޯ. މީގެ އެތައް ޒަމާނެއް ކުރީގައި. އެތައް އަހަރުތަކެއް ކުރީގައި. ހިއުމަން ރައިޓްސް ކޮމިޝަންގައި އަޅުގަނޑު އުޅުނު ދުވަސްވަރުވެސް، އަޅުގަނޑު އެމީހުންގެ އަޑުއެހިން. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ޖަމްޝީދު ވިދާޅުވިގޮތަށް މިއީ ހަމައެކަނި އެއް އެޖެންސީއަކަށް ނުވަތަ އެއްފަރާތަކަށް ކުރެވޭނެ ކަމެއް ނޫން.

އާދެ! މިއަދު އަޅުގަނޑުމެންނަށް އެނގޭ، ހިންމަފުށީގައި، އެތާ ހުންނަ ކޮންމެ ކުއްޖަކަށް މަހެއްގެ މައްޗަށް ފަނަރަހާސް ރުފިޔާއާއި، ސަތާރަހާސް ރުފިޔާއާ ދޭތެރޭގައި ޚަރަދުކުރަންޖެހޭ. މިއީ ކޮންބައެއް ކުރާ ޚަރަދެއްތޯ؟ މިއީ ސަރުކާރުން ކުރައްވާ ޚަރަދެއް ނޫން އިނގޭތޯ. މިއީ ދިވެހި ރައްޔިތުން، ޤައުމަށް ލިބޭ އާމްދަނީގެ ތެރެއިންކުރާ ޚަރަދެއް. ސަރުކާރޭ ވިދާޅުނުވައްޗޭ އިނގޭތޯ. ރައްޔިތުން ކުރާ ޚަރަދެއް. ސުވާލަކީ، އެ ޚަރަދު އަޅުގަނޑުމެން މިކުރަނީ، ހަމަ އިތުރުކުރަމުން، ބަޖެޓް އިތުރުކުރަމުން މިދަނީ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް އެބަ ވިސްނެންޖެހޭ، މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް މައްސަލައެއްކަން. އަޅުގަނޑުމެން މިކަމާ ކުރިމަތިލާންޖެހޭނީ، މުސްތަޤްބަލުގައި ވަރަށް ވިސްނުންތެރިކަމާއެކީގައި. މިކުދިންވެސް، މީގެތެރެއިން ވަކިން ޚާއްޞަކޮށް، މިއިން ސަލާމަތްވާން ބޭނުންވެގެން އަންނަ ކުދިން، މިކުދިންނަށް ފުރްޞަތުތަކެއް ހޯދައިދިނުމަށް ކުރަންވީ ކޮންކަންތައްތަކެއްތޯ؟

އާދެ! މިގޮތުން އަޅުގަނޑު ހަނދާންވަނީ، ކޮންމެވެސް ޖަލްސާއެއްގައި، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަން، އަޅުގަނޑު މިހެން ދެންނެވީމަ. އަޅުގަނޑު ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން، ޢަލީ ނާޒާ އަޅުގަނޑާ ވާހަކަ ދެކެވި، ޕްރޮގްރާމްތަކެއް ތައްޔާރުކުރީމޭ. އަޅުގަނޑު ހަމަ އެދުވަހުވެސް ހިތަށްއެރި، އެވާހަކަ ދެއްކީމާ، އެއަށް ކޮންމެވެސް ބޭފުޅަކު ފިޔަވަޅެއް އަޅުއްވާނެ ކަމަށް. އެ އުންމީދުގައި އެވާހަކަ ދެއްކީ. ދެން މިއަދު އަޅުގަނޑު އެވާހަކަ އެގޮތަށް ދައްކާއިރު، އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑާ އެކުގައި ތިޔަ ހުރިހާ ބޭފުޅުން، އެ ފިޔަވަޅު އަޅުއްވަން މަސައްކަތް ކުރައްވާނަންތޯއޭ ދަންނަވާލުން. އެއީ މިއަދު ކަންދިމާވިގޮތުން، އަޅުގަނޑު ހުރި މަގާމުގެ ގޮތުން. އެދުވަހު އެވާހަކަ ދެއްކިއިރު އަޅުގަނޑު ހުރީ އެކަހަލަ މަގާމެއްގައެއް ނޫން.

އާދެ! އެއީ ދެމިއޮންނަނިވި ގޮތަކަށް، މި މީހުނަށް ފައިދާވާ ގޮތަކަށް، ރީހެބިލިޓޭޓްކުރާ ތަނެއްގައި، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ހެދި އަދި އެތަނުގައި ޑީޓޮކްސް ސެންޓަރެއްވެސް ހުރެފައި، އަދި އެތާނގައި އެކުދިންނަށް ކޮންމެވެސްވަރެއްގެ އެންޓަރޓެއިންމަންޓް ކަންތައްތަކެއްވެސް ހުރެފައި، އެ ވޮކޭޝަނަލް ޓްރޭނިންގގެ ތެރެއިން ނުކުންނަ ކުދިން މަސައްކަތްކުރާނެ ފެކްޓްރީއެއް، ކުންފުންޏެއް ތައްޔާރުކޮށްގެން، އެ އުޞޫލަށް އެކަންކުރުން. އިރާދަކުރެއްވިއްޔާ، އައްސޭރި އަޅުގަނޑުމެންނަށް ލިބުނީމާ، މުޅި އައްސޭރި، ބައިބައިކޮށްފައި ކޮށާފައެއް ނޫން. ލިބުނީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ، ލުބްނާއާ އަޅުގަނޑު މިވާހަކަ އޮންނާނީ މަޝްވަރާކޮށްފައި. އެތަނުގައި މިގޮތަށް އަޅުގަނޑުމެން ދެންނެވި ތަނެއް ހަދާ، އެ ފެކްޓްރީއަކީ 60 ޕަސެންޓް ޕްރައިވެޓް ސެކްޓަރާއި ސަރުކާރާ ޝެއަރ އޮންނަ ތަނަކަށްވެފައި، 40 ޕަސެންޓް، މިދެންނެވީ އެތާ މަސައްކަތްކުރާ ކްލަޔަންޓުންގެ ޝެއަރ ކަމަށްވެ، އެތަނުގައި ލޭތް މެޝިންގެ މަސައްކަތް، ރެފްރިޖަރޭޝަންގެ މަސައްކަތް، އިންފޮމޭޝަން ޓެކްނޯލޮޖީ، އިލެކްޓްރޯނިކްސް، އިލެކްޓްރިކަލްސް މިހެންގޮސް ރިޒޯޓެއްގައި މިކުރާ ހުރިހާ މަސައްކަތެއް، ބޭނުންވާ ހުރިހާ މަސައްކަތެއް އެތަނެއްގައި ކުރެވޭގޮތަށް އެކަން އިންތިޒާމް ކުރުން.

އާދެ! މީގެ ބޭނުމަކީ ކޮބައިތޯ؟ މިއަދުވެސް ލުބްނާގެ ވާހަކައިގައި ވިދާޅުވި، މިތަނުން ސަލާމަތްވެފައި ތިބޭ ކުދިން، ކްލަޔަންޓުން ވަޒީފާތަކަށް ފޮނުވާ ވާހަކަ. އަޅުގަނޑު ހަމަ ހިތާމައާއެކީ ދަންނަވަނީ، ވަރަށްގިނަ ކުންފުނިން ވަޒީފާދޭން ޖެހިލުންވެދާނެ. އަދި އެމީހުން އެމަސައްކަތް ކުރަންދާއިރުގައި، އެމީހުންނަށްވެސް އެކަހަލަ މާޙައުލެއްގައި މަސައްކަތްކުރާއިރުގައި، ދެންތިބި އެންމެންނަކީ އެކަހަލަ އެއްވެސް ކަމެއް ނުކޮށްތިބި ބަޔަކަށްވާތީ، ނަފްސިއްޔާތުގެ ގޮތުންވެސް އެކަމަކީ ދަތިކަމަކަށް ވެދާނެ. އެކަމަކު މިކަހަލަ ކުންފުންޏެއް ހެދި، މިކަހަލަ ފެކްޓްރީއެއްގައި މަސައްކަތް ކުރާކަމަށްވަންޏާ، މިކަހަލަ ޝުޢޫރުތަކާ އެއްޗިހި ނައިސް، ވަރަށް ހަރުދަނާ ގޮތެއްގައި މިކަން ކުރެވިދާނެ ކަމަށް ބޭރުގެ ތަޖްރިބާކާރުން ވިދާޅުވޭ.

ދެން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދުގެ ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކޮންމެ މީހަކަށްކުރާ ޚަރަދު. އަޅުގަނޑުގެ ވާހަކައަކީ، މި ޚަރަދުތަކަކީ، ރައްޔިތުންގެ އަތުންދާ ޚަރަދުތަކަކަށްވެފައި، އެއީ ކުޑަކުރެވޭ ގޮތަކަށްވެސް އަޅުގަނޑުމެން މިހާރު ވިސްނަން އެބަޖެހެއޭ. ޖަލުން ނުކުންނައިރު، ރީހެބުން ނުކުންނައިރު، އެއީ މަސައްކަތްތަކެއް ދަސްވެފައި ތިބި ބަޔަކަށް އެ ދަރިންވާން އެބަޖެހޭ. އެހެން ނުވާކަމަށްވަންޏާ، އޭނަގެ މުސްތަޤްބަލް ބައްޓަންކުރާކަށް އޭނައަކަށް ކުރިއަކަށް ނުދެވޭނެ. ވީމާ، މިގޮތުން މިކަހަލަ އުޞޫލުތަކަކަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރެވެން އެބަޖެހޭ. ހަމަ ކޮންމެ ފަހަރަކު، ބަޖެޓް ހަދައިގެން ޖިހާދު އަރިހަށް ގޮސް ލާރި ހޯދަން އުޅުން އެއީ، އަޅުގަނޑުމެން ވިސްނަންޖެހޭނެ، އެއީ ދެމިއޮންނަނިވި ގޮތަކަށް އިޤްތިޞާދު ބައްޓަންކުރެވޭނެ ގޮތެއް ނޫންކަން. މިއަދު އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ދޮގުނުވާ ކަމަށްވަންޏާ، ރީހެބްގެ ކުދިން، އެތާ ކުރާ މަސައްކަތެއްގެ ގޮތުން ނުވަތަ ކައި ނިމިގެން ތަށި ގެންގޮސް، ދޮންނަ ތައްޓަށްލީމަ ނިމުނީ. ދޮންނަން ހުންނަ ތަނަކަށް. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ، އެމީހުން ވާންޖެހޭނެ ޕްރޮޑަކްޓިވިޓީ ބަޔަކަށް، ޕްރޮޑަކްޓަކަށް. އޭރުން އެމީހުންގެ ވަގުތުތައްވެސް ބަހާލެވިގެން، ދީނީ ކަންތައްތައް ކުރުމަށް ވަކި ޚާއްޞަ ވަގުތުތަކެއް، ކަސްރަތު ކުރުމަށް ވަކި ޚާއްޞަ ވަގުތުތަކެއް، މަސައްކަތް ކުރުމަށް ވަކި ޚާއްޞަ ވަގުތުތަކެއް. މިއީ، އިންސާނެއްގެ ދިރިއުޅުން ބައްޓަންކުރަންޖެހޭނެ ގޮތް. މިގޮތަށް ބައްޓަން ނުކުރެވޭ ކަމަށްވަންޏާ އަދި ރީހެބެއްގައި މިގޮތަށް މަސައްކަތް ނުކުރެވޭކަމަށްވަންޏާ، އޭގެ ފުރިހަމަ ކާމިޔާބެއް ނުލިބޭނެ.

އާދެ! އަޅުގަނޑުމެންވެސް ޖަލުގައި ތިބިން. އެއްފަހަރަށްވުރެ ގިނަފަހަރު ޖަލުގައިވެސް އުޅެފިން. އެއްވެސް ކަމެއް ނުކޮށް ތިބެނީ ހަމަ ވަރުގަދައަށް ކައިގެން. އަދި އޭރަށްވުރެ މިހާރުގެ ކެއުންވެސް ޖަލުތަކުގައި މާ ރަނގަޅު ކަމަށް އަޅުގަނޑަށް މަޢުލޫމާތު އެބަލިބޭ. އެހެންވީމާ، މިހާރު ޖަލަށް ދިޔުމަކީވެސް މާބޮޑު މައްސަލައެއް ނޫންކަންނޭނގެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، ޖަލުގައި ތިބޭ މީހުންވެސް އަދި ރީހެބްގައި ތިބޭ މީހުންވެސް، އެމީހުންގެ ޕްރޮޑަކްޓިވިޓީ އަޅުގަނޑުމެން އިތުރުކުރަން އެބަޖެހެއޭ. އެހެންވީމާ، މި ނަޒަރުން އަޅުގަނޑުމެން މިދެންނެވީ، މިއީ މިކަންތައް ދުނިޔޭގެ އެހެން ތަންތާވެސް ކުރާގޮތް. ބައެއް ތަންތާނގައި މިހާރު ހައްދުފަހަނަޅާފަވެސް އެބަހުރި. މިސާލަކަށް، އެމެރިކާގައި ވަރަށްގިނަ ޕްރައިވެޓް ޕްރިޒަންސްތައް އެބަހުރި. އެ ވިޔަފާރިއަކީ މިހާރު މާބޮޑު ވިޔަފާރިއަކަށް ވެގެންގޮސް އެކަން މިހާރު ކޮންގްރެސްގެ ފަރާތުން ހުއްޓާ ހިސާބަސް ގޮސްފައި އޮތީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ މެދުމިނަކަށް ވިސްނައިގެން މިކަހަލަ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ކުރެވިދާނެއޭ. އަޅުގަނޑުމެން ކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާ ވާހަކައަކީ، ކުރީގައި ވިސްނަމުން އައި ގޮތް ޝައްކެއްނެތޭ ރަނގަޅު ގޮތްތަކެއް އެބަހުރި. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އެއަށްވުރެ އެހެން ސްޓޭޖަކަށް، އެހެން ގޮތަކަށްދާން އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެއޭ. ވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މި މަގާމުގައި ހުރެގެން، މި މިޞްރާބަށް ދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ދެން ލުބްނާވެސް އަޅުގަނޑަށް ފުރިހަމަ ތާއީދުކުރައްވައި، އަދި މިނިސްޓަރ އޮފް ހެލްތްވެސް، މިތަނުގައި ދެންތިބި ހުރިހާ މިނިސްޓަރުންވެސް އަދި ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް. އަދި ޖެންޑަރ މިނިސްޓްރީ، އޭ.ޖީ، ޕޮލިސް، މިހުރިހާ ބޭފުޅުންވެސް މީގައި ސަޕޯޓް ކުރައްވާނެކަން އަޅުގަނޑަށް ޔަގީން. އެއީ އެބޭފުޅުންނަކީވެސް މި ކައުންސިލްގައި ހިމެނޭ ބޭފުޅުން ކަމަށްވާތީ.

އާދެ! ދެން އަޅުގަނޑު ހިސާބުތަކެއް ދަންނަވާލާނަން. އަދި އޭގެ މައްޗަށް ކޮންމެވެސް އެއްޗެއް ދަންނަވާލަން ބޭނުން. އެއީ 2008 ވަނަ އަހަރު ސުވިސައިޑް، އަމިއްލައަށް މަރުވީ ކަމަށް އަޅުގަނޑުމެންނަށް ލިބިފައި އޮތް މަޢުލޫމާތަކީ 28 މީހުން. މިއިން ޤަޞްދުގައި މަރާލެވިފައިވަނީ 5 މީހުން. މާރާމާރީ 279 އެބައޮތް. ދެން 2009 ގައި އެބައޮތް، 22 މީހުން އަމިއްލައަށް މަރުވެފައި. އަނެއްކާވެސް 5 މީހުން މަރާލެވިފައި. މިއީ ވަރަށް އާދަޔާ ޚިލާފު ހިސާބެއް މިއީ. އެއީ 2008 ގައިވެސް 5 މީހުން، 2009 ގައިވެސް 5 މީހުން، 2010 ގައިވެސް 5 މީހުން. މާ ޢަދަދު މަދުވެގެނެއް ނޫން އަޅުގަނޑު މިވާހަކަ މިދައްކަނީކީ. އިރާދަކުރެއްވިއްޔާ، 2011 ގައި މަރާލެވިފައިވަނީ 3 މީހުން. އަމިއްލައަށް މަރުވީ 13 މީހުން. 2012 ގައި މާރާމާރީގެ 87 މައްސަލަ އެއީ މިހާތަނަށް. މަރާލެވިފައިވަނީ 4 މީހުން. އެހެންވީމާ، ބާކީއޮތް ބައިގައި އެވަރަށް މީހުން މަރައިފިއްޔާ، އެހެން އަހަރުތަކަށްވުރެ މާގިނަވާނެ. އަޅުގަނޑު އުންމީދުކުރަން، އެހެން ނުވާނެ ކަމަށް. ދެން އަމިއްލައަށް މަރުވެފައި މިއޮތީ ދެމީހުން. އަޅުގަނޑުގެ ސުވާލަކީ، ކިހިނެއްވެގެންތޯއޭ މިހެން މިވަނީ. އަމިއްލައަށް މީހާގެ ފުރާނަ ހިފަން ބޭނުންވަނީ ކީއްވެގެންތޯއޭ؟ ވަރަށްގިނަ ސަބަބުތަކެއް ހުންނާނެ. ވަރަށްގިނަ ސަބަބުތަކެއް ހުންނާނެ.

އާދެ! އަޅުގަނޑު ޔޫތު މިނިސްޓްރީގައި އުޅުނުއިރު، އަޅުގަނޑުގެ ތަޖްރިބާވެސް ތިޔަބޭފުޅުންނަށް ދަންނަވާލާނަން. ޔޫތު މިނިސްޓްރީގައި އަޅުގަނޑު އުޅުނުއިރުގައި އަޅުގަނޑު ބައްދަލުކުރިން، މާލޭގެ ވަރަށްގިނަ ގޭންގްތަކާ. ކޮންމެވެސް ދުވަހަކު ކޮންމެވެސް ބޭފުޅަކު ވިދާޅުވިކަންނޭނގެ، މިހާރު އެ ސިއްރުކޮށްގެންނޭ ހުރިހާ މަޢުލޫމާތެއް. އެ މަޢުލޫމާތުތައް އަޅުގަނޑު ދޭންޖެހޭނެއޭވެސް. ކޮންމެއަކަސް، އަޅުގަނޑަށް ވަރަށް އަސަރުކުރި ޙާދިޘާތަކެއް އެކުދިންގެ ފަރާތުން އަޅުގަނޑަށް އަޑުއިވިގެންދިޔަ. އަޅުގަނޑު ނުދަންނަވަން، އެކުދިންނަކީ ރަނގަޅު ބައެކޭ. އަދި އެކުދިން ކުރަނީ ރަނގަޅު މަސައްކަތްތަކެކޭ. އެހެނެއް ނޫން މިދަންނަވަނީކީ. ހިތާމައަކީ، އޭގެ ބައެއް ކުދިން ބުނި، ގަދަކަމުން ތިމަންމެން ގެއިން ނެރެލައޭ. ބައްޕަ ބުނެއޭ، ތިމަންނައާ ދިމާއަށް، [ތިއީ ކާކުހޭ، ކޯއްޗެއްހޭ، ކަލެއަށް އެނގޭ ކަމެއް ހަމަ ޙަރާމޭ. ކަލޭ ތީ އަގެއްނެތް ދަރިއެކޭ.] އާދެ! އަޅުގަނޑަކީވެސް ބައްޕައެއް. އެ ދަރިއަށް ދެންވާނީ ކިހިނެއްތޯ؟ ނުވަތަ އެދަރިފުޅުގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ކޮބައިތޯ؟ އޭނަ އެ އިތުބާރު ހޯދާނީ ކިހިނެއްތޯ؟ އޭނަ އިތުބާރު ހޯދެންޖެހެނީ، އެހެން މީހުންގެ ކުރިމަތީގައި އޭނައަކީ ގޭންގްސްޓާރެއް ކަމަށް ދައްކައިގެން. އޭނައަކީ ބާރުހުރި މީހެއް ކަމަށް ދައްކައިގެން. އޭނައަކީ މީހުން މަރާ މީހެއްކަމަށް އޭނައަށްވެގެން. އެއީ އެއްކަލަ މަންމަ ނުވަތަ ބައްޕަ އޭނާއާ ދިމާއަށް އެ ނިކަމެތި ބަހުން އެއްޗެއް ބުނީމަ، ވާގޮތް. މިއިން އެއްވެސް ދަރިއަކީ އިނގޭތޯ، މިފަދަ ގޯސްގޮތަކަށް ދުނިޔެއަށް ފޮނުއްވި ދަރިއެއް ނޫނޭ. އަޅުގަނޑު ދަންނަވާނީ، ކިތަންމެ ކޯފާވިޔަސް، ކިތަންމެ ރުޅިއަޔަސް، ކޮންމެ އަސަރެއް ކުރިޔަސް، ދަރިއަކީ ދަރިއެއް ކަމުގައި ދެކެވަޑައިގަންނަވާށޭ. އެ ދަރި ބަލައި، ރަނގަޅު ކުރުމުގެ އެންމެ ފުރަތަމަ ބާރު ލިބިފައިވަނީ ހަމަ ތިޔަބޭފުޅުންނަށް، އެ މައިންބަފައިންނަށް. އެހެންވެގެން މިއަދު "ޖަރނީ" މައިންބަފައިންނަށް މިކަންތައް އުނގަންނައިދޭންވެގެން ފޮތެއް ތައްޔާރުކުރީ. އަޅުގަނޑު ވަރަށް ބޮޑަށް ޖަރނީއަށް ޝުކުރު އަދާކުރަން. އާދެ! މައިންބަފައިންނަށް މިކަންކަން ވިސްނައިދީ، އަންގައިދިނުމަށްޓަކައި ޖަރނީ މެދުވެރިވެގެން ވަނީ ރޭގައި ފޮތެއް ނެރެދީފައި. އޭގައި ވަރަށް ތަފްޞީލުކޮށް އެބަހުރި، ކުއްޖަކަށް އަންނަ ބަދަލުތައް. އޭނާގެ މިޒާޖް. އޭނަ އެހެން މީހުންނާ ގުޅޭ ގުޅުން.

އާދެ! މިކަންތަކުގެ މައްޗަށް މައިންބަފައިންވެސް ވަރަށް ރަނގަޅަށް ދިރާސާ ކުރަން އެބަޖެހޭ. ހަމަ ދަރިއަކު ކަމެއް ނުބައިކޮށް ކުރިޔަސް، އެ ދަރިދެކެ އެ އިންތިހާއަށް ރުޅިއައުން، އެއީ ވަރަށް ހިތާމަހުރި ކަމެއް. މިހެން ރުޅިއަންނައިރު އަޅުގަނޑުގެ ހިތަށްއަރާ އެއްޗަކީ، އަޅުގަނޑުމެން މި ހިސާބަށް އައިއްސަ މިތިބީ އެއްވެސް ގޯސްކަމެއް ނުކޮށްތޯއޭ. ބައްޕަ މިހިރީ އެއްވެސް ކަމެއް ނުކޮށްތޯއޭ. އަޅުގަނޑުވެސް ދެންނެވިން، އަޅުގަނޑުވެސް ދެފަހަރު ޖަލަށްލީ ވާހަކަ. އެހެންވީމާ، އަބަދުވެސް ހަނދާންކޮށްލަންޖެހޭނެ ކުށްވެސް ކުރެވޭނެ. އެހެންވެގެން، މާތްވެގެންވާ އިސްލާމްދީނުގައިވެސް ތައުބާވުމުގެ ޙައްދެއްނެތް. އަބަދުވެސް ތައުބާވެވޭނެ. އެއީ ކީއްވެތޯ؟ މާތްﷲ އެގޮތަށް އެކަން ނިންމަވާފައި އެއޮތީ، އެއީ އިންސާނުންނަކީ ކުށްކުރެވޭނެ ބަޔަކަށްވާތީ. އެހެންވީމާ، މައިންބަފައިންވެސް މިކަން ވިސްނާލަންޖެހޭނެ. އެހެންވެގެން މިއަދު ޑްރަގް ކޯޓެއް ހަދައި، މި ޤާއިމްކުރެވުނީ އެހެންވީމަ. އަޅުގަނޑުމެން ކުރިން ގެންގުޅުނު ސިޔާސަތެއް، ހަމަ ކިތަންމެ ކުޑަ އެތިކޮޅެއްވެސް، މުޅި ޢުމުރަށް އޭނަ ޖަލަށް. ކިތަންމެ ބޮޑު އެތިކޮޅަށްވެސް ޢުމުރަށް ޖަލަށް. މިއަދު ޑްރަގް ކޯޓެއް އުފެއްދި، އޭގެ ބޭނުމަކީ މިފަދަ ކަންތައްތަކަށްވެސް ފުރްޞަތެއް ދިނުން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ އެއްޗަކީ، މިގޮތުން، މިއީ އަޅުގަނޑުމެން އެންމެން ޒިންމާވާންޖެހޭ ކަމެކޭ. އެންމެން އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކޮށްގެން ނޫނިއްޔާ، މިކަމަށް ޙައްލެއް ނާންނާނެއޭ.

ހަމަ އަޅުގަނޑު މިސާލެއް ދަންނަވާލާނަން، ސައުތު އެފްރިކާގައި މީގެ ގާތްގަނޑަކަށް ބާރަވަރަކަށް އަހަރު ކުރީގައި އެއިޑްސްގެ މައްސަލަ އިންތިހާއަށް ބޮޑުވެގެންގޮސް، މުޅި ދުނިޔެ އޭރު ގަބޫލުކުރީ ގްލޯބަލް ފަންޑެއް ހަދައި، އެ ބަލި ޖެހިފައި ތިބި މީހުންނަށް އެހީތެރިވެވިގެން ނޫނިއްޔާ، ފެކްޓްރީތަކުގައި މަސައްކަތްކުރާ މީހުންނެއް ނުތިބޭނެކަން. އަޅުގަނޑުގެ ސުވާލަކީ މިއަދު މި ރިޒޯޓްތައް އަދި އިތުރުވެގެންދިޔައީމާ، އަދި ފެކްޓްރީތައް ގިނަވެގެންދިޔައީމާ، އިޤްތިޞާދު ރަނގަޅުވެގެން ދިޔައީމާ، އެތަންތާނގައި މަސައްކަތްކުރާނެ މީހުން، މި ޤައުމުގައި އެބަތިބިތޯއޭ؟ މިއީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ އިޤްތިޞާދީ ސުވާލެއް، އިޖްތިމާޢީ ސުވާލެއް. ކިހާވަރަކަށްތޯ ބޭރު މީހުން ރާއްޖޭގައި އުޅުމުން ނުވަތަ މަސައްކަތް ކުރުމުން، އޭގެ އަސަރު ތަފާތު ގޮތްގޮތަށް ފޯރަނީ. މިވެސް މިއަދު އަޅުގަނޑުމެން ކޮށްލަންޖެހޭ ސުވާލެއް.

އާދެ! ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ހަމަ މިއަދު ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަރާތުންނާއި، ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުންނާއި އަދި ޔުނިސެފްގެ ފަރާތުންނާ އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތް ބޮޑު މައްސަލައިގައި ވެވަޑައިގަންނަވާ އެހީތަކަށް ހަމަ އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން. އަދި ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވައިގެން، އެމް.އެން.ޑީ.އެފް. އިންވެސް އަދި ޕޮލިސްވެސް، އަދި އެން.ޖީ.ވެސް އަދި އެހެން ހުރިހާ ފަރާތްތަކުން ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްޕުޅަށް ހަމަ އަޅުގަނޑު ޝުކުރު އަދާކުރަން. ވަކިން ޚާއްޞަ ގޮތެއްގައި، މަދަނީ ޖަމްޢިއްޔާތަކަށް. ޔޫރަޕިއަން ކޮމއުނިޓީން ވަޑައިގެން ހުންނެވި މަންދޫބު ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، ވަރަށް ކުޑަކުޑަ އެހީއެކޭ އެމީހުންނަށް ދެނީ. އެހެންނަމަވެސް، އެމީހުން ވަރަށްގިނަ ކަންތައްތައް ކާމިޔާބު ކޮށްފައި އެބަހުއްޓޭ. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް. ދެން މި ޖަލްސާގައިވެސް އަޅުގަނޑު ތަކުރާރުކޮށްލާނަން. ދިވެހިރާއްޖޭގެ ބަޖެޓް، ޓެކްސް ނެގުމުގެ ނިޒާމަކަށް ތަޢާރުފުވެގެން ދާއިރުގައި މި މަދަނީ ޖަމްޢިއްޔާތައް ފުރިހަމައަށް މަސައްކަތް ކުރުމުގެ ބަޖެޓެއް އަޅުގަނޑުމެން ހަމަޖައްސާފައި، އެމީހުންނަށް ދެމާތޯއޭ. ޝައްކެއްނެތް އެކަން މޮނިޓަރ ކުރެވިދާނެ. އެހެންވެގެން ދޮއެއްތޯ، އޭ.ސީ.ސީވެސް ހުންނަނީ. ހަމަ ކޮންމެފަހަރަކު މަދަނީ ޖަމްޢިއްޔާއަކަށް ލާރިދޭއިރަށް، އެމީހުން ހެޔޮގޮތުގައި ބޭނުމެއް ނުކުރާނެއޭ ބުނުމަކީ އެއީ، އަޅުގަނޑުމެން ކުރަންވާނެ ކަމެއް ނޫން. ހަމަ ހެޔޮގޮތުގައި، ރަނގަޅު ގޮތުގައިވެސް ބޭނުންކުރޭ. އެއީ ސަރުކާރަކަށް ހުރިހާ ކަންތަކެއް ކުރުމަކީ އެއީ، ކުޅަދާނަ ކަމެއް ނޫން. ކުރެވޭނެ ކަމެއް ނޫން. އަދި ސަރުކާރަށް ކުރަންޖެހޭނެ، އަދ ނަގަންޖެހޭނެ އެހެން ޑިސިޝަންތަކާއި ކުރަންޖެހޭނެ މަސައްކަތްތައް ހުންނާނެ. އެހެންވީމާ މަސައްކަތް ޑެލިގޭޓްކޮށް، އެކިފަރާތްތަކާ ޙަވާލުކުރުމަކީ އެންމެ ފުރިހަމަ ގޮތުގައި އެމަސައްކަތްކުރާ ގޮތް ކަމުގައިވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ނަތީޖާ ފުރިހަމައަށް ނެރެވޭނީވެސް އެހެންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް، މަދަނީ ޖަމްޢިއްޔާތަކުން މިކުރައްވާ މަސައްކަތްޕުޅަށް އަދި އެބޭފުޅުންގެ ކާމިޔާބުވެސް ހަމަ އެހާ ރަނގަޅުކަން އަޅުގަނޑުމެންނަށް ރޭވެސް ފެނިގެން މިއޮތީ ގޮސްފައި. ވީމާ، މަދަނީ ޖަމްޢިއްޔާތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިކަންތައްތަކުން ދުރުވެ، މިކަންތައްތަކުން ސަލާމަތްވެ ދިވެހިރާއްޖެ، އޮމާން، ރީތި، އަޅުގަނޑުމެންނަށް މާތްﷲ ދެއްވާފައިވާ ރީތި ބަނދަރުތަކުގައި ތިބޭނެ ރީތި ދަރިންތަކެއް އަޅުގަނޑުމެންނަށް ދެއްވުން. ރަނގަޅު ދަރިންތަކެއް އަޅުގަނޑުމެންނަށް ދެއްވުން. ޝުކުރިއްޔާ.

والســّلام عليــكم