ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޕަބްލިކް ވަރކްސް ސަރވިސަސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ސަރުކާރުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ސަރުކާރުން އުފައްދަވާފައިވާ، ދިވެހި ސަރުކާރުގެ %100 ހިއްސާވާ ކުންފުނިން ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަޖުރިބާއަށް ބައްލަވާއިރު، ކުންފުންޏަކުން އެމަސައްކަތްތައް ކުރުމަށްވުރެ ދައުލަތަށް ފައިދާހުރި ގޮތަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ ސަރުކާރުގެ އިދާރާއަކުން އެ މަސައްކަތްތައް ކުރުންކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްއިން ކުރައްވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުގެ ބަނދަރާއި، ފާލަމާއި، ތޮށި މަރާމާތުކޮށް ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ އެލް ބްލޮކާއި، ޓެޓްރާ ޕޮޑާއި، ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި އެޅުމުގެ މަސައްކަތްކުރުން ހިމެނެއެވެ. އަދި ރަށްރަށުގެ ފުޓްބޯޅަ ދަނޑުހެދުމާއި، މަގު ހެދުމާއި، ބިންގަނޑު އެއްވަރުކުރުންފަދަ މަސައްކަތްތައް ކުރުމާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކް ވާރކްސް ސަރވިސްގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން ހިމެނެއެވެ. މީގެއިތުރުން، ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވަރކްޝޮޕްގެ ޚިދްމަތް ފޯރުކޮށްދިނުމާއި، ސަރުކާރުން އިންތިޒާމްކުރާ ޚާއްޞަ ޙަރަކާތްތަކަށް ޕަބްލިކް ވަރކްސް ސަރވިސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުންވެސް ހިމެނެއެވެ.