بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި ޢިލްމުގެ ނޫރު އިންސާނުންނާ ހަމައަށް ގެނެސްދެއްވި مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި މާތް ދުޢާގައި، އެ މާތް އާލު އަޞްޙާބުން ބައިވެރިކުރަން.

އާދެ! އިސްލާމިކް މިނިސްޓަރ ޝަހީމް، އަޅުގަނޑުމެންގެ އަޚު، ޒުވާނުންގެ ދުވަހު ބައްދަލުވި އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި ބޭފުޅުން.

السّــلام عليــكم

އާދެ! ޝައްކެއްނެތް، މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ދޭތެރޭގައި، މި ޤައުމުގެ ރައްޔިތުންގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަދި ދީނީ ކަންތައްތަކުގެ މައްޗަށް ބަހައްޓާ އޯގާތެރިކަމާއި، ޙުރްމަތާއި، މާތްކަމުގެ ވަރަށް ވަރުގަދަ ނަމޫނާއެއް.

އާދެ! މިޖަލްސާގައި ވާހަކަ ދެއްކެވި އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު އަދި އައްޝައިޚް ޢަލީ ޒާހިރު ވަރަށް ސާފުކޮށް ޤުރްއާނުގެ މާތްކަމާއި އަދި ޤުރްއާން ކިޔެވުމުން ލިބޭ ފައިދާތައް އަޅުގަނޑުމެންނަށް އުނގަންނައިދެއްވައިފި. މިއިން އަޅުގަނޑުމެން ސަރުކާރު ހިންގަން ތިބޭ ފަރާތްތަކަށް ވަރަށްބޮޑު ފިލާވަޅުތަކެއް އެބަލިބޭ. އަދި މިއިން އަޅުގަނޑުމެން ޢިބްރަތްތަކެއްވެސް ޙާޞިލްކުރަންޖެހޭނެ.

އާދެ! އަޅުގަނޑުމެން ވިސްނާލަމާތޯ! ޤައުމެއްގެ ތަރައްޤީއަކީ ނުވަތަ ކުރިއެރުމަކީ ކޮބައިތޯ؟ ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމަކީ، އެ ރައްޔިތެއްގެ، އެ ޤައުމެއްގެ ރައްޔިތުންގެ ހިތްހަމަޖެހުން. ކޮބައިތޯ، އެ ހިތްހަމަޖެހުމަކީ. އެ ހިތްހަމަޖެހުމަށް ފުރަތަމަ އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، ރައްޔިތެއް ހިތްހަމަޖެހޭނީ، އެބައެއްގެ ޢަޤީދާ، އެބައެއްގެ އީމާންކަން ތެދުވެރިވެގެން، ހެޔޮނިޔަތުގައި މަސައްކަތް ކުރެވިގެން. މިއީ، ޤައުމެއްގެ އިސް ސަފުގައި ތިބޭ ކޮންމެ ޚާދިމެއްގެ މަސްއޫލިއްޔަތެއް.

އާދެ! މިއަދުގެ ރައީސް ވަޙީދު، މި ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުތީ، ވަރަށް ބޮޑަށް ހިތާމަކުރައްވާ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އަބަދުވެސް ދާނީ ވަރަށް ކައިރިން ދީނީ ކަންތައްތައް ދެކެމުން. މީގެ ސަބަބުތަކެއް ނެތިއެއް ނޫން. ޤައުމެއް ބިނާކުރުމުގައި، އަޅުގަނޑު ދެންނެވިގޮތަށް، ރައްޔިތުންގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އެމީހުންގެ އީމާންކަން ނުވަތަ އެ ޤައުމެއްގައި އޮންނަ ދީން، މިއަދު އަޅުގަނޑުމެންގެ އިސްލާމްދީން ނަގަހައްޓައި، އިސްލާމްދީނީ ކަންތައްތައް އަޅުގަނޑުމެން ހަރުދަނާ ނުކޮށްފިއްޔާ، މިޤައުމު ޤާބިލްގޮތަކު ނޯންނާނެ. މިއީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ އެއްޗެއް. އެއީ ދެންމެގައި ޒާހިރު ވިދާޅުވިގޮތަށް، ޤުރްއާނުގައި ވަރަށް ސާފުކޮށް، ވިޔަފާރިތައް ކުރަންވީގޮތާއި، އިޖްތިމާޢީ ކަންތައްތައް ބަހައްޓަންވީގޮތާއި އަދި އަޅުގަނޑުމެން އުޅެންވީގޮތް، ވަރަށް ސާފުކޮށް މާތްﷲ ވަނީ އަންގަވާފައި. އަދި ހަމައެހެންމެ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުންވެސް އަޅުގަނޑުމެންނަށް މިކަން އޮންނަނީ ވަރަށް ރަނގަޅަށް އެނގިފައި. އެހެން ނަމަވެސް، ޤައުމެއް ހިނގާއިރުގައި، ޤައުމުގައި ވެރިކަން ކުރަން ތިބޭ ބަޔަކު، އެބައެއްގެ މަސްއޫލިއްޔަތެއް، އެކަންކަން، އެ ޤުރްއާނުގައި އޮތްގޮތަށް ތަންފީޛު ކުރުމަކީ. އަދި އެކަންކަން ހިންގާ، އެކަންކަން ހިނގުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެއްބާރުލުމަކީ.

އާދެ! އެގޮތުން އަޅުގަނޑު މިއަދު ހަމަ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ވަޢުދުވާނަން، އިސްލާމިކް މިނިސްޓަރާ އެކުގައި، މިއަންނަފަހަރު، އާދެ! ދެން އަންނަ އަހަރެއްގެ ބަޖެޓްގައި، އެމިނިސްޓްރީއަށް ބޭނުންފުޅުވާ ދީނީ ކަންތައްތައް ކުރުމުގައި އުފައްދަވާ ނުވަތަ ލިޔުއްވާ ބަޖެޓްގައި، އެ ކަންތައްތައް އަޅުގަނޑުމެންނަށް ސާބިތު ހޯދައިދެވޭތޯ. އަދި އެކަންތައްތައް ކޮށްދިނުމަށް އަޅުގަނޑު އިސްލާމިކް މިނިސްޓަރާ އެކުގައި، މިއަދުގެ ރައީސާއި އަދި އަޅުގަނޑުވެސް ހަމަ އެކުގައި މަސައްކަތް ކޮށްގެން، އެކަމުގެ ކާމިޔާބު އިރާދަކުރެއްވިއްޔާ ހޯދާނަން.

އާދެ! މީގެކުރިން ޢަރަބިއްޔާ ސްކޫލަށްވެސް އަޅުގަނޑު ދިޔައިން. އެބޭފުޅުންގެ ރަސްމީ އިޙްތިފާލެއްގައި، ރަސްމީ ކަމެއް ބޭއްވެވިއިރުގައި. އަޅުގަނޑަށް ވިސްނުނު އެއްޗަކީ، އެމަދްރަސާގައި ފާސްވެގެން، އެ މަދްރަސާއިން ކިޔަވައިގެން ނިކުތް އެއްވެސް ކުއްޖަކު ޖަލަށްލެވި އަދި ޑްރަގްސްގެ ވަބާއެއްގައި ޖެހިފައި ނެތްކަން. މިއިން އަޅުގަނޑުމެންނަށް ކޮންކަހަލަ އިޝާރާތެއްތޯ ކުރަނީ؟ ނުވަތަ މިއިން އަޅުގަނޑުމެންނަށް ވިސްނެނީ ކޮންކަމެއްތޯ؟ ދީނީގޮތުން މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންތައްތައް ކުރުމުން، އެ ޤައުމެއްގެ ރައްޔިތުން ހެޔޮމަގުގައި އަޅުގަނޑުމެންނަށް ގެންގުޅެވޭނެކަން. އެ މަގުން ކައްސާލަނީ، އެކަމަށް ދޭންވީ އަހަންމިއްޔަތުކަން އަޅުގަނޑުމެންނަށް ނުދެވޭތީ. ވީމާ، މިއީ އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭނެ ކަމެއް.

އާދެ! މުޙަންމަދު ވަޙީދާއި އަޅުގަނޑާ ދެމީހުންނަކީވެސް މާތްﷲގެ އަޅުން. ދިވެހި ރައްޔިތުންގެ ޚާދިމުން. ޤައުމުގެ ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކުވެސް، މި ހަނދާން ވަރަށް ރަނގަޅަށް ކުރައްވަވަންޖެހޭނެ. ޤައުމުގެ ވެރިކަމުގައި ނުވަތަ ޤައުމުގެ އެކި މުއައްސަސާގައި ތިއްބަވާ ވަޒީރުންވެސް، އެބޭފުޅުން ވަޒީފާ އަދާކުރައްވަނީ، ރައްޔިތުން ތިބެގެންކަން، ރައްޔިތުން ނެތްނަމަ، އެބޭފުޅުންނަށް އެމަޤާމެއް ނޯންނާނެކަން ރަނގަޅަށް ހަނދުމަފުޅު ކުރައްވަންޖެހޭނެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. ވީމާ، އަޅުގަނޑު މި މަޤާމާ ޙަވާލުވި ކުޑަދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑަށް އެނގިގެންދިޔަ، އިސްލާމިކް މިނިސްޓްރީގެ ވަރަށްގިނަ ދަތި ކަންތައްތަކެއް އެބަހުރި. އާދެ! އެއީ އެބޭފުޅުންނަށް އޮންނަންވީ ބަޖެޓް ނުވަތަ އެބޭފުޅުންނަށް ލިބެންވީ ބަޖެޓް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފާހަގަވެގެން ހިނގައްޖެ. ބަޖެޓަށްދެވި ނުވަތަ ބަޖެޓެއް ހޯދި، ހޯދުމަށް މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައްވެސް އެހީވެދީގެން، އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިއުފައްދާފައި ތިބި ދަރިންނަކީ، އެތިބަ ތުއްތު ކުދިން، އަޅުގަނޑު ދަންނަވާނީ، އެކުރި މަސައްކަތަށް އަޅުގަނޑު އައްސަރިބަހުން ސާބަހޭ ބުނަމޭ. ހަމަ އެގޮތަށް، ޙާފިޡްކަން ހޯއްދެވި ބޭފުޅުންވެސް، އެކުރެއްވި މަސައްކަތްޕުޅަށް ހަމަ ޤައުމުގެ ނަމުގައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ބައިނަލްއަޤްވާމީ އެކިއެކި ކޮމްޕެޓިޝަންތަކުގައި، ދިވެހިރާއްޖޭގެ ވަކިން ޚާއްޞަކޮށް، އެކިއެކި ޤުރްއާން މުބާރާތްތަކުގައި، ރާއްޖެ ބައިވެރިކޮށްދިނުމާއި، މިފަދަ ކަންތައްތައް ކޮށްދީ އަދި މިނޫންވެސް އެކުދިންނަށް ދިމާވާ ދަތި ކަންތައްތަކުގައި، މިނިސްޓްރީ މެދުވެރިކޮށް އެހީވެދިނުމަށް. އާދެ! މިއީ ކީއްވެގެން ކުރަންޖެހޭ ކަމެއްތޯ؟ އެއީ ޤައުމުގެ އެންމެ ދަރިޔަކުވެސް މިއަދު އަޅުގަނޑުމެންނަށް ހެޔޮމަގުގައި ސަލާމަތް ކުރެވިއްޖިއްޔާ، މާދަމާ އަޅުގަނޑުމެންނަށް އެ ސަލާމަތް ކުރެވެނީ، އެތައް ކުދިންނެއް.

އާދެ! އެހެންވީމާ، އަޅުގަނޑު ދަންނަވާނެ އެއްޗަކީ، މިއަދު އަޅުގަނޑުމެންނަށް އިސްލާމިކް މިނިސްޓްރީގެ މަސައްކަތްޕުޅުން ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެ، ރައްޔިތުންގެ އަދި ވިޔަފާރިވެރިންގެވެސް އެއްބާރުލުން. އަދި އެމީހުންގެ ޙިއްޞާކުރުން. އަދި މިހާރު އިސްލާމިކް މިނިސްޓްރީން ފަށްޓަވައިގެން އުޅުއްވާ މިސްކިތްތަކުގެ ފަންޑުވެސް އިރާދަކުރެއްވިއްޔާ އެދަނީ ކުރިއަށް. އަޅުގަނޑު ދަންނަވާނީ، ޤައުމު ބައްޓަންކުރާއިރުގައި، ރައްޔިތުންގެ ޙިއްޞާ އޮންނަންޖެހޭނެ. އެހެންނަމަވެސް، އެކިގޮތްގޮތަށް މުއްސަނދިން އަތުން ނުވަތަ ވިޔަފާރިކުރާ ފަރާތްތަކުން ނެގޭ ޓެކްސްގެ ތެރޭގައި، މިފަދަ ކަންތައްތައް ކުރުމަށް، ވަކި ޚަރަދުތަކެއް ކަނޑައެޅި، އެކަންތައްތައް އަޅުގަނޑުމެން ކުރަންޖެހޭނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން މަސައްކަތް ކުރާނަން، މިގޮތަށް އަޅުގަނޑުމެންނަށް ފައިސާ ޚަރަދު ކުރުމުގެ ކަންތައްތައް ބައްޓަން ކުރެވޭތޯ. ހަމައެކަނި، މި މިޞްރާބަކަށް ނޫން. ރައްޔިތުންނަށް ބޭނުންވާ އެހެން ކަންތައްތައްވެސް، އަޅުގަނޑު ދަންނަވާނީ، ފޯރާ ފަރާތްތަކުން ޓެކްސް ނަގައިގެން ކުރުމަކީ، އެއީ އުޞޫލެއް ކަމަށް، އެއީ ރަނގަޅު ގޮތެއް ކަމަށް، މުޅި ދުނިޔެވެސް މިއަދު ޤަބޫލުކުރޭ. މާތްވެގެންވާ އިސްލާމްދީނުގައި ޒަކާތްދިނުންވެސް އޮވޭ. މުދަލު ޒަކާތް ދިނުންވެސް އޮވޭ. މިކަންކަމަކީވެސް ހަމަ ފަޤީރުންނާއި މުއްސަނދިންގެ މިންގަނޑު ގާތްކުރުމަށްޓަކައި، ދީނީގޮތުން ރޭވިފައި ހުރި އެކިއެކި ރޭވުންތައް. އަދި މީގެއިތުރުންވެސް އަޅުގަނޑުމެންނަށް މިފަދަ ކަންތައްތައް ކުރުމުގައި، ސަރުކާރަށް ކުރެވޭނެ ވަރަށްގިނަ ކަންތައްތައް ހުންނާނެ. ވީމާ، މި ނަޒަރުން، މި ވިސްނުމުން ސަރުކާރުގެ ކަންތައްތައް ކުރުމަށް އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނެ.

މި ޤައުމު، ޤައުމެއްގެ ގޮތުގައި އޮންނާނީ، އަޅުގަނޑުމެން ޤަބޫލުކޮށްގެން ތިބި މާތްވެގެންވާ އިސްލާމްދީން ފުރިހަމައަށް ނަގަހައްޓައިގެން. އަޅުގަނޑުމެންނަށް ވަރަށްގިނަފަހަރު އެކަންތައް ފެނިފައި އެބަހުރި. އަދި ވަރަށްގިނަ ޙާދިޘާތައް، މިކަމުގައި އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި އެބަހުރި. ވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އިސްލާމިކް މިނިސްޓްރީން މިކުރައްވަވަމުން ގެންދަވާ ކަންތައްތައް، ފުރިހަމައަށް ކުރެވޭތޯ، ކޮށްދެވޭތޯ ސަރުކާރުން ބެލުމަކީ އެއީ، ސަރުކާރުގެ ޒިންމާއެއް. އެއީ ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއް ނޫން އެއީކީ. އެކަމަށްޓަކައި ތިޔައިން އެއްވެސް ބޭފުޅަކު ޝުކުރުވެސް އަދާކުރައްވަވައިގެން ނުވާނެ. މިއީ ރައްޔިތުންގެ ފައިސާ. ސަރުކާރުގައި ތިއްބަވާ ބޭފުޅުންނަކީ، އެ ފައިސާ ޙައްޤު ގޮތުގައި، ރަނގަޅު ގޮތުގައި ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން. އޭގެ ޒިންމާ ނަންގަވަންޖެހޭނެ. އޭގެ ޒިންމާ އަދާކުރައްވަންޖެހޭނެ. ނުރަނގަޅު ގޮތުގައި، ކޮރަޕްޝަން މެދުވެރިވާ ގޮތަށް، އެފައިސާ ޚަރަދުވެގެން ނުވާނެ. އެކަމަކު މިކަމުގައިވެސް އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެން ޢަޤީދާ ރަނގަޅު ކުރުން. އެހެންވީމާ، ދީނީ ކަންތައްތަކަށް އަޅުގަނޑުމެން ޚަރަދުކުރަންޖެހެނީ. އެހެންވީމާ، މިސްކިތްތައް ބިނާކުރަންޖެހެނީ. އެހެންވީމާ، ކުޑަކުދިންނަށް ދީން ދަސްކޮށްދޭންޖެހެނީ. މާދަމާގެ މުސްތަޤްބަލް، އަޅުގަނޑުމެންނަށް ބައްޓަން ކުރެވޭނީ، މިއަދުގެ ދަރިންނަށް މާތްވެގެންވާ އިސްލާމްދީނުގައި އޮންނަގޮތަށް، އެ އުޞޫލު އަޅުގަނޑުމެންނަށް ދަސްކޮށްދެވިގެން.

މިއަދު އަޅުގަނޑުމެންނަށް ހިތާމަކުރަން މިޖެހެނީ، ނޭދެވޭގޮތަށް ދަރިންދަނީ، މާތްވެގެންވާ އިސްލާމްދީނުގައި އޮތްގޮތަށް، އެކަންތައްތައް ކޮންމެ ބައެއްގެ އިހުމާލުން ކަމުގައިވިޔަސް، އިހުމާލުވެގެން. އެއީ އަޅުގަނޑުމެންނަށް މިއަދު މިފެނުނު ނަތީޖާއިންވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ އެކަން. ވީމާ، އަޅުގަނޑު ހަމަ އިސްލާމިކް މިނިސްޓަރަށް، ޝަހީމަށް ހަމަ ޔަޤީންކަން އަރުވަން، ކެބިނެޓަށް ނުވަތަ މިނޫން ފަރާތްތަކަށް ބަޖެޓް ހިއްޕަވައިގެން ވަޑައިގަންނަވާއިރު، އަޅުގަނޑު ހުންނާނަން މަނިކުފާނުގެ ހަމަ ފަހަތްޕުޅުގައި. މިކަމަށް ތާއީދުކޮށް، އެކަންކޮށް، އެކަން ހޯދުމަށްޓަކައި. އެއީ މުޅި ދިވެހި ޤައުމުގެ ހުރިހާ ރައްޔިތުންގެ ނަމުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވީމާ، އަދިވެސް އެއްފަހަރު، ސަރުކާރުން މިފަދަ ކަންތައްތަކުގައި ހަމަ ހުރިހާ އެއްބާރުލެއްވުމެއް އަޅުގަނޑުމެން ދޭނެކަމުގެ ޔަޤީންކަން، މުޅި ދިވެހި ޤައުމުގެ ހުރިހާ ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިގޮތަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް، އަމިއްލަ ފަރާތްތަކުންވެސް އެ ދެއްވާ އެހީއަކީ، ހަމަ އަގުހުރި ހެޔޮ ނިޔަތުގައި ދެއްވާ އެހީއަކަށް ހައްދަވާށޭ. އެ އެހީ ދެއްވާފައި، ވިދާޅުނުވައްޗޭ، ވަކިފަރާތަކަށް ވޯޓްދޭށޭ. އާދެ! މިއީ އަޅުގަނޑު އެޓޮލްސްގައި ހުރިއިރުގައިވެސް އަޅުގަނޑު ދެއްކި ވާހަކަ. ކުރީގެ އަތޮޅުވެރިޔަކުވެސް މިތާ އެބަ އިންނެވި. ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އިންސާނާ، އެހެން އިންސާނަކަށް ހަދިޔާއަކަށް، ހެޔޮ ނިޔަތުގައި އެއްޗެއްދޭއިރުގައި، އޭގެ ބަދަލު ހިފައިގެންނުވާނެ. އެއްވެސް ނިޔަތެއްގައި. ހެޔޮނިޔަތުގައި އެކަން ކުރަންޖެހޭނީ. މާތްﷲ ތައުފީޤު ދެއްވާނެ. އަބަދުވެސް މި ޤައުމަށް މާތްﷲ ތައުފީޤު ދެއްވާނެ. އަޅުގަނޑުމެން ހެޔޮގޮތުގައި، މާތްﷲ އަންގަވާ ގޮތުގައި އަޅުގަނޑުމެން ތިބެ، އެގޮތަށް އަޅުގަނޑުމެން ޢަމަލުތައް ބަހައްޓާ ކަމަށްވަންޏާ. އިރާދަކުރެއްވިއްޔާ، އަދަށްވުރެ ފެހި މާދަމައެއް މާތްﷲ އަޅުގަނޑުމެންނަށް ދައްކަވާނެ.

އަޅުގަނޑު ދުޢާކުރަނީ، އިސްލާމިކް މިނިސްޓްރީން ތިޔަގެންދަވާ ކަންތައްތަކަށް މާތްﷲ ތައުފީޤު ދެއްވުމަށް.

والســّلام عليــكم