ރިއޯ+20 ވެގެންދިޔައީ ރާއްޖެއަށް ވަރަށް ކާމިޔާބު ސަމިޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އެނގިވަޑައިގަންނަވާނެފަދައިން، ރިއޯ+20 ސަމިޓުގައި، ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން 2017 ވަނަ އަހަރުގެ ކުރިން މުޅި ރާއްޖެއަކީ، މެރިން ރިޒަރވެއްގެ ގޮތަށް ކަނޑައެޅުމަށް ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމުގަޔާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބައިނަލްއަޤްވާމީ ލީޑަރަކަށް ވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ.

ރިއޯ+20 ސަމިޓުގައި، "ދަ މޯލްޑިވްސް ސްޓޯރީ"ގެ ނަމުގައި ބޭއްވެވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި، ރާއްޖޭގައި އަލަށް ފަށާފައިވާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިޔާސަތުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިގޮތުން، ކަނޑުފަރުތަކުން މުރަކަ ނެގުމާއި، ވެލައާއި މިޔަރު ހިފުން މަނާކުރުންފަދަ، ރާއްޖޭގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ، ބޭރުގެ ވަރަށް ގިނަ ޚަބަރު ފަތުރާ ވަސީލަތްތަކާވެސް ބައްދަލުކުރައްވައި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންތައްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ރާއްޖޭގައި ޤާއިމްކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.