ސަޢޫދީ ޢަރަބިޔާގެ ވަލީޢަހުދުކަމަށް އަލަށް އިސްކުރެއްވި ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަލީ އަޙުދު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ސަޢޫދީ ޢަރަބިޔާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، ރާއްޖެއާއި ސަޢޫދީ ޢަރަބިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.