ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު IIގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ސިޔާސީ ޙާލަތާއި، އިޤްތިޞާދީ ޙާލަތު މިހާރު ހުރި ގޮތް، އިނގިރޭސިވިލާތުގެ އިސްވެރިންނާއި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންނާ، މިދަތުރުފުޅުގެ ސަބަބުން އިތުރަށް ޙިއްޞާ ކުރެއްވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ މިހާރުގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.