ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އިހަންވަންދުއަށާއި އުތީމަށް ޒިޔާރަތް ކުރައްވައި، އެދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރަސީ ފުރިހަމަ ކުރުމުގައި، ރާއްޖޭގެ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބައެއް ބަދަލުތައް އެބަހުރިކަން ފާހަގަކުރައްވައި، ރާއްޖޭގައި އުފެދިފައިވާ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައް ފުރިހަމަކުރުމަށްޓަކައިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ.

މިއަދު މިއޮތް ސަރުކާރަކީ ކެތްތެރިކަމާ އެކީގައި، ހުރިހާ އެންމެންވެސް ގޮވައިގެން އުޅޭ ސަރުކާރެއް ކަމަށާއި، ނަމަވެސް، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބަޔަކު އުޅެން ފެށުމުން، އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ މަޤްޞަދަކީ، ރައްޔިތުންގެ ޤާނޫނީ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށާއި، ރާއްޖޭގައި، ރައްޔިތުންގެ ޤާނޫނީ ޙައްޤުތައް ރައްކާތެރިކުރާނެ މުއައްސަސާތައް މިއަދު ޤާއިމްވެފައިވުމަކީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ މުއައްސަސާތަކުން ކުރާ މަސައްކަތަށް، ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކޮށް، އެ މުއައްސަސާތައް ޙިމާޔަތް ކުރަމުން ގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިއްދޫގައި ކުރިއަށް ގެންދެވުމަށް ސަރުކާރުން ރާއްވަވާފައިވާ ތަފާތު ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނާ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، އެރަށުގައި ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށެވެ. މިގޮތުން އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަމުން ގެންދަވާނެކަން އެރަށު ރައްޔިތުންނަށް ޔަޤީންކޮށް އެރުވިއެވެ.

އިހަވަންދުއަށާއި އުތީމަށް އެމަނިކުފާނު ވަޑައިގެންނެވުމުން، އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި، އެދެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.