މިއަހަރުގެ އޮގަސްޓް 30 އިން 31 އަށް އީރާންގެ ވެރިރަށް ތެހެރާންގައި ބާއްވަވާ 16 ވަނަ ނޮން-އެލައިންޑް މޫވްމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް، އީރާންގެ ރައީސް ޑޮކްޓަރ މަޙްމޫދު އަޙްމަދީނިޖާދް ފޮނުއްވި ދަޢުވަތުގެ ސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. މިސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، އީރާން ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވި، އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ފޮރ އޭޝިޔާ އެންޑް ޕެސިފިކްގެ ނައިބު، ޑޮކްޓަރ ސަޢީދު ޢައްބާސް އާރަޣްޝީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހި ސަރުކާރާއި އީރާން ސަރުކާރާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމާއި، އެގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރްޞަތުތަކާއި، ރާއްޖޭގެ ކިޔަވާ ކުދިންނަށް އީރާންގައި މަތީ ތަޢުލީމް ޙާޞިލް ކުރެވިދާނެ ރޮނގުތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.