ލޯކަލް ކައުންސިލްތައް ރަމްޒުކޮށްދޭ، އެ ކައުންސިލަކަށް ނިސްބަތްވާ ސިއްކައާއި، ލޯގޯއާއި، ނިޝާން ބަލައި، ފާސްކުރުމުގެ މަސައްކަތް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރައްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ލޯކަލް ކައުންސިލްތަކުން ސިއްކަ ހެދުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓްރީ ކުރުމުގެ އުޞޫލާއި، އެކަމަށް ޒިންމާވާނެ ސަރުކާރުގެ އިދާރާއެއް ކަނޑައެޅުއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ތައްޔާރު ކުރައްވާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ، ކައުންސިލްތަކާބެހޭ ހުރިހާ ކަމެއް ބަލާ ސަރުކާރުގެ ހަމައެކަނި އިދާރާ ކަމަށްވާތީ، ކައުންސިލްތަކުން ބޭނުންކުރާނެ ސިއްކަތަކުގެ މަސައްކަތް، އެއޮތޯރިޓީން ކުރައްވާ ގޮތަށް އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި، މަސްވެރިންގެ ދުވަސް މިއަހަރުން ފެށިގެން އަނެއްކާވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރެއްވުމަށްވެސް ނިންމެވިއެވެ. މިގޮތަށް ނިންމެވީ މި ދުވަސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް އޮތުމުން، ދަތިތަކެއް ކުރިމަތިވަމުންދާތީ، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިގޮތުން ކުރިމަތިވާ ދަތިތަކުގެ ތެރޭގައި، މަސްވެރިންގެ ދުވަސް، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާއިރު، ސްކޫލްތަކުގެ ޓެސްޓްތަކާ ދިމާވުމާއި، ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށްވާތީ، މަސްވެރިންގެ ދުވަހާ ގުޅޭގޮތުން އެކިއެކި ބޭނުންތަކަށް ސްކޫލް ހޯލާއި ކްލާސްރޫމްފަދަ ތަންތަން ލިބުން ދަތިވުމާއި އަދި ރަށަށް ޒިޔާރަތް ކުރައްވާ މެހްމާނުން ތިއްބެވުމަށް ކޮޓަރި ލިބުން ދަތިވުމާއި، މަސްވެރިންގެ ދުވަހުގެ ޙަފްލާތަކުގައި ބައިވެރިވާން ބޭނުންވާ ރަށުން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް ސްކޫލް ކިޔެވުމާ ދިމާވާތީ، ބައިވެރިވުން ދަތިވުންފަދަ ކަންތައްތައް ހިމެނެއެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު، މަސްވެރިންގެ ދުވަސް އަލުން ފާހަގަކުރައްވަން ފެށްޓެވުމުން، މިދަތިތައް ކުރިމަތިނުވާނެ ކަމާއި، ސްކޫލް ކުދިންނަށްވެސް މަސްވެރިންގެ ދުވަހުގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރްޞަތު އިތުރުވެ، މި އިންޑަސްޓްރީއާމެދު ކުދިންގެ ހޭލުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.