ކޮރަޕްޝަންގެ އެއްވެސް ޢަމަލަކަށް މިސަރުކާރުން ޖާގަ ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު މި އޮތް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ވެރިކަން ހިންގުމުގައި ގެންގުޅުއްވަނީ ދެފުށް ފެންނަ ސިޔާސަތެއް ކަމަށެވެ. އަދި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ އ.ދ. ގެ ކޮރަޕްޝަނާ ދެކޮޅު މުޢާހަދާއާ އެއްގޮތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވަމުން، ކޮރަޕްޝަންގެ ޢަމަލެއް އެއްވެސް ފަރާތެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެއީ ކޮންމެ މަގާމެއްގައި ހުންނެވި ކޮންމެ ފަރާތެއް ނަމަވެސް، ޤާނޫނީ ހަމަތަކުގެ މަތިން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުން އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.