މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި، އެކަމަށް އިޢުލާނު ކުރެއްވުމުން ކުރިމަތިލެއްވި 13 ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ދިރާސާގެ ނަތީޖާއަށް ބައްލަވައި، އެބޭފުޅުންގެ ތެރެއިން 5 ބޭފުޅެއްގެ ނަންފުޅު ތަރުތީބު ކުރައްވައި، އެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިގޮތުން ފޮނުއްވި ނަންފުޅުތައް، ފޮނުއްވި ތަރުތީބުން މިދަންނަވަނީއެވެ.

1. އަލްފާޟިލް އަޙްމަދު މުނައްވަރު ގދ. މަޑަވެލީ ގަހާ
2. އަލްފާޟިލާ ޢާއިޝަތު ޢަރްޝާ މ. ނަރުގިސްމާގެއާގެ
3. އަލްފާޟިލާ ފާޠިމަތު ސުޖާތާ ޙަލީމް ހ. މަޑިވަރު
4. އަލްފާޟިލާ ޢާޠިރާ ޢަލީ ސ. ހުޅުދޫ ވާރުގެ
5. އަލްފާޟިލް އަޙްމަދު ފާއިޒު މުޙަންމަދު ލ. މާވަށު އަސްރަފީހިޔާ

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.