މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ރަށު ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ކަންކަން އަމާންކަމާއި، އޮމާންކަމާއެކު ހިންގެވުމުގައި، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް، އެރަށު ރައްޔިތުންގެ ނަމުގައި މަރްޙަބާ ވިދާޅުވިއެވެ.

މީގެއިތުރުން، އުނގޫފާރުގައި ކުރިމަތިވަމުންދާ މައްސަލަތަކާއި، އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު، ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ރަށުގެ އާމްދަނީ އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި، ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ރަށު ކައުންސިލްގެ ފަރާތުން ހުށަހަޅުއްވާ ކަންތައްތަކުގެ ތަފްޞީލްވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުނގޫފާރު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުގެ ފަރާތުން ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، ވެވަޑައިގެންނެވި މިންވަރަކުން އެކަންތައްތައް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.