މިދިޔަ 100 ދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އުފެދި، ޤައުމީ ރޫޙު އާލާވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ މިއަދު 100 ދުވަސް ފުރުމާ ގުޅިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިޤައުމުގެ ފަޚްރުވެރި ދިދައިގެ ދަށުގައި، އެންމެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަމުންދާތަން، އެމަނިކުފާނު އެކިރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ފެނިވަޑައިގަންނަވާ ކަމަށާއި، އެކަމަށްޓަކައި ވަރަށް އުފާފުޅު ކުރައްވާ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވީ، ދިވެހި ޤައުމަށް ވީހާވެސް އިޚްލާޞްތެރިކަމާއެކު އަދި އެމަނިކުފާނުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބުރަ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ޙާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ޤައުމުގެ ސިޔާސީ މަސްރަޙު އޮތީ ހަލަބޮލިވެ، ޤައުމުގައި ވަރަށް ބޮޑަށް ބައިބައިވުންތައް އުފެދިފައެވެ. ޤައުމުގެ އިޤްތިޞާދު އޮތީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ޤައުމުގެ ދަރަނި ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހަމައެހެންމެ، އެކިއެކި ޢާއިލާތަކާއި، އެކިއެކި ރަށްރަށުގައި ދެބަސްވުންތައް އުފެދި، އެއް ޢާއިލާއެއްގެ ތެރޭގައިވެސް އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާ ނޫޅެވޭ ދަރަޖައަށް ކަންކަން ގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ރާއްޖޭގައި މިވަނީ ޑިމޮކްރަސީގެ އުޞޫލުތައް ޤާއިމްކޮށް، ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ. ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި ކުރަންހުރި ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރިކަން ހާމަކުރައްވަމުން، އެމަސައްކަތްތައް ކުރެއްވުމުގައި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އެކިއެކި މިނިވަން މުއައްސަސާތަކަށް އިޙްތިރާމް ކުރައްވާނެ ކަމަށާއި، އެ މުއައްސަސާތަކުން ނެރުއްވާފައިވާ ރިޕޯޓްތަކަށާއި، ނިންމަވާފައިވާ ނިންމެވުންތަކަށް ފުރިހަމައަށް އިޙްތިރާމް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއިން އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުއްވާނެ ކަމާއި، ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ބާރަށްވެސް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެބޮޑު މައްސަލައަކީ އިޤްތިޞާދުގެ މައްސަލަ ކަމަށާއި، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އެކަންކަން ކުރިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅިފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އިޖްތިމާޢީ ޙާލަތުވެސް އޮތީ އަޅުގަނޑުމެން އެންމެ އެދޭ ފެންވަރެއްގައި ނޫން ކަމަށާއި، އަޅުގަނޑުމެންނާ މިދިމާވީ އިޖްތިމާޢީ ފޭރާންވެސް ވަރަށް ބަލިވެފައި އޮތް ވަގުތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމެއްގެ އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށްވެސް އެންމެ މުހިންމު އެއްކަމަކީ، ޢަދުލު އިންޞާފް ޤާއިމް ކުރުމާއި، އަމަންއަމާންކަން ޤާއިމްވެފައި އޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަލުގައި ބަންދުވެފައި ތިބެންޖެހޭ އެތައް ބަޔަކު، އެއްވެސް ހިފެހެއްޓުމެއްނެތި، މާލެއާއި ރާއްޖޭގެ އެކިއެކި ރަށްރަށަށް ދޫކުރެވިފައިވުމުގެ ސަބަބުން، މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި، ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެހެން ނަމަވެސް، އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި، ބަންދުގައި ހުރި މީހަކު، އެއްވެސް ސިޔާސީ ނުފޫޒަކުން ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި މިނިވަންކޮށް ހުރި މީހަކުވެސް ސިޔާސީ އެއްވެސް ނުފޫޒަކުން ބަންދެއްވެސް ނުކުރެވޭނެ ކަމަށެވެ. ޤާނޫނުގެ ބާރު ފުރިހަމައަށް ހިންގުމަށްޓަކައި، ދައުލަތުން ކުރަންޖެހޭ ހުރިހާ ކަމެއް، ފަސްޖެހިވަޑައިނުގެން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ. މިގޮތުން ދެންނެވި ސުވާލުތަކުގެ ތެރޭގައި، މިވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި، ކަންކަން ހިނގާދިޔަގޮތާ ބެހޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދާއި، އިޖްތިމާޢީ ކަންކަމާ ބެހޭގޮތުން ދެންނެވި ސުވާލުތައް ހިމެނެއެވެ.