ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރެއްވި ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާގެ ރައީސާ ޕްރަތީބާ ޕާޓިލާއި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާ ބައްދަލުކުރެއްވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. މިބޭފުޅުންގެ ތެރޭގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ އާއި، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މިސްޓަރ ޝިވްޝަންކަރު މެނަންއާއި، މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މިސްޓަރ އެސް.އެމް ކްރިޝްނާ ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުންގެ އިތުރުން، ނިއުދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ދާއިރާތަކުގެ ބޭފުޅުންނާއި އަދި ދިއްލީއާއި މުމްބާއީގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއަން ކައުންސިލް އޮފް ވާރލްޑް އެފެއާޒްގައި އެމަނިކުފާނު ތަޤްރީރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގައި ރާއްޖޭގެ ޙާލަތު އޮތްގޮތް އިންޑިއާގެ އިސްބޭފުޅުންނަށް ސާފުކޮށް އެރުވި ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެގްޒިމް ބޭންކުން ދޭން ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރުގެ އެހީއާއި، އެލް.ސީ ހުޅުވުމަށްޓަކައި 25 މިލިއަން ޑޮލަރާއި އަދި ސްޓޭންޑްބައި ކްރެޑިޓްގެ ގޮތުގައި ބަޖެޓް ސަޕޯޓްގެ ގޮތުން 25 މިލިއަން ޑޮލަރު ލިބޭނެ މަގު، މިދަތުރުފުޅުން ފަހިވެގެންދިޔަ ކަމުގައި ވިދާޅުވިއެވެ.