ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، ނިއުދިއްލީގައި އެމަނިކުފާނު ހުންނަވާ ހޮޓަލުގައި، މުމްބާއިއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކފުޅުގައި، އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅަކީ ވަރަށްގިނަ ފައިދާތަކެއް ޙާޞިލް ކުރެއްވިގެންދިޔަ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގެންނެވިފަހުން، އެންމެ ފުރަތަމަ ބޭރު ޤައުމަކަށް ކުރެއްވި ދަތުރުފުޅަކީ މިއީ ކަމަށްވުމުން، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްޞަ، ގާތް ގުޅުން، މިކަމުން ހާމަކޮށްދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިޔާއަކީ އަބަދުވެސް، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައާއި، ލިބޭ ކާމިޔާބީގައިވެސް ރާއްޖެއާ އެކުގައިވާ ޚާއްޞަ ރަހުމަތްތެރިއެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަބަދުވެސް ދިވެހި ސަރުކާރަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން، އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ރޮނގު ރޮނގުން އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތައް ބެއްލެވި ކަމުގައި ވިދާޅުވެ، ސަރުކާރުން މިހާރު ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖެއާއި އިންޑިޔާއާ ދެމެދު ފަތުރުވެރިކަން ފުޅާކުރުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ފުރްޞަތު ދެއްވުމުގެ ކުރިން، މިދަތުރުފުޅުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ހަމަޖައްސަވައިދެއްވާފައިވާ ކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.