ނިއުދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ދާއިރާތަކުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނިއުދިއްލީގައި ތިއްބެވި ޑިޕްލޮމެޓިކް ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅާއި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށާއި އަދި 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން، ކަންކަން ހިނގަމުންދިޔަ ގޮތުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ސަފީރުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެންމެބޮޑު އެއް ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމުގައި ވިދާޅުވެ، އަދި އެކަމުގައި އިންޑިއާއިން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތީ، 7 ފެބްރުއަރީގައި، ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ޤާނޫނުއަސާސީގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ.

ސަފީރުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަވަސް އިންތިޚާބަކަށް ގޮވާލާ ގޮވާލުމަށް އިޝާރާތް ކުރައްވަމުން، ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވޭނެ ޙާލަތު ސަފީރުންނަށް އޮޅުންފިލުއްވައިދެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ، އެކަމަށް ތަންނުދޭ ކަމަށާއި، އެކަން ކުރެވެން އަންނަނީ، ޤާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ލިބިގެން މެނުވީ، ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރައްވައި ހަރުދަނާ ކުރެއްވުމަށާއި އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، އެ ޤައުމުތަކުގެ ސަފީރުންގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.