ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދަޢުވަތަކަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މާދަމާ ފަށްޓަވާނެއެވެ. މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާއި، އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. މިބައްދަލުކުރެއްވުންތަކުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިކުރައްވައެވެ.