بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އަޅުގަނޑުމެންނަށް މާތްﷲ ފޮނުއްވި ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި، އެ މާތް ސާހިބާގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ޢަރަބިއްޔާގެ އެންމެ އިސްވެރިން. އިސްލާމިކް މިނިސްޓަރ އަދި އެޑިޔުކޭޝަން މިނިސްޓަރ. އަދި ޢަރަބިއްޔާގެ ލޮބުވެތި ދަރިން، މައިންބަފައިން. ވަކިން ޚާއްޞަ ގޮތެއްގައި މުދައްރިސުން.

السّــلام عليــكم

އާދެ! ޝައްކެއްނެތް، މިއަދު މި މަޤާމުގައި ހުއްޓި މިތާ ވާހަކަ ދައްކާއިރު، އަޅުގަނޑަށް އިޙްސާސް ކުރެވެނީ، އަޅުގަނޑު މުދައްރިސެއްގެ ގޮތުން އާމްދަނީ ހޯދަމުންދިޔަ ދުވަސްވަރު. މި މާލޭގެ ހެންވޭރުގައި، މާފަންނުގައި، މައްޗަންގޮޅީގައި، ގަލޮޅުގައި އަޅުގަނޑު ކިޔަވައިދެމުންދިޔައިން. އަދި އައްޑުއަތޮޅުގައި ފަސްއަހަރު ދުވަސް ވަންދެން އަޅުގަނޑު ކިޔަވައިދޭން ހުރިން. އަދި ދެސްކޫލެއް އަޅުގަނޑު ހުޅުވައި، މިކަންތައް ކުރިން.

އަދި މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، ޤައުމެއް ބިނާކުރެވޭނީ، އެ ޤައުމެއްގައި ރަނގަޅު ދަރިންތަކެއް ބިނާކޮށްގެންކަން، އުފައްދައިގެންކަން. އެހެން ނޫނިއްޔާ، އެއްވެސް ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމިއެއް ނޯންނާނެ. އެ ޤައުމެއްގެ މިނިވަންކަމާއި، އެ ޤައުމެއްގެ ސަލާމަތަކީ، އަބަދުވެސް މުސްތަޤްބަލުގައި އެ ޤައުމަކަށް އަންނާނެ ޒުވާނުން، ދަރިންގެ އަތްމަތީގައި އޮތް ކަމެއް. ޒިންމާދާރު، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެއްދޭނީ، އެ ދަރިންނަށް އެކަށީގެންވާ ތަޢުލީމާއި، އެކަށީގެންވާ ތަރުބިއްޔަތު ދެވިގެން.

އާދެ! އަޅުގަނޑު ހަނދާންހުރޭ، އަޅުގަނޑުމެން ކިޔަވަން މަޖީދިއްޔާގައި އުޅުނު ދުވަސްވަރު، ދުރޫސުލް އަޚްލާޤު އޮވޭ. އަދި ދިވެހިރާއްޖޭގެ ތާރީޚު އަޅުގަނޑުމެން ކިޔަވަމުންދިޔައިމު. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް ވަކި އުޞޫލަކާއި، ވަކި ރިވެތި މާތް ގޮތަކާއި، އިސްލާމްދީނުގައި މި އޮންނަ ރިވެތި މާތް އުޞޫލަށް އުޅުމަށް، އަޅުގަނޑުމެންގެ މުދައްރިސުން އަޅުގަނޑުމެންނަށް ކިޔަވައިދެއްވި.

ޤައުމެއްގައި ވަކިގޮތަކަށް ދަރިން ތަރުބިއްޔަތު ކުރަންޖެހެނީ، ހަމައެކަނި އެންމެ ސަބަބަކަށްޓަކައެއް ނޫން އިނގޭތޯ. ޤައުމެއްގެ އިޤްތިޞާދެއް ހަރުދަނާ ކުރެވޭނީވެސް، އެ ޤައުމެއްދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެން. އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުން މިހިސާބުން، ތިޔަ ދަރިންނަކީ މާދަމާގެ މި ޤައުމުގެ ވެރިން. މި ޤައުމުގެ ވެރިކަން ކުރައްވާނެ ބޭފުޅުން. މި ޤައުމުގެ އެކިއެކި މަޤާމްތަކުގައި އުޅުއްވާނެ ބޭފުޅުން. އޭގެ ރިވެތި މިސާލު، މިރޭވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. މިއަދު އަޅުގަނޑުމެން ފަޚްރުވެރިވާ، ޝަރަފްވެރިވާ އަޅުގަނޑުމެންގެ އިސްލާމިކް މިނިސްޓަރަކީ، މި މަދްރަސާއިން ތަޢުލީމް ޙާޞިލް ކުރެއްވި ބޭފުޅެއް. އެއިން އެނގޭ އެއްޗަކީ، ދެންމެގައި ބައެއް ބޭފުޅުން ފާހަގަކުރެއްވިހެން، އިސްލާމީ ތަޢުލީމް ނުވަތަ ޢަރަބިބަހުން ތަޢުލީމް ޙާޞިލް ކުރުމަކީ، ހަމައެކަނި މުދިމުންނަށް ނުވަތަ ޖަމާޢަތްތެރިންނަށް އެކަންޏޭ ނޫނޭ ވެވޭނީކީ. މިއީ ވަރަށްބޮޑު ކުށްހީއެއް. މިއަދު ދުނިޔޭގެ ވަރަށްމޮޅެތި ޑޮކްޓަރުންނާއި، އިންޖިނޭރުންނާއި އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޢަދާލަތު ޕާޓީގައިވެސް އެބަތިއްބެވި ހަމަ މޮޅެތި ޑޮކްޓަރުން. ހަމަ ޢަރަބިބަހުން ތަޢުލީމް ޙާޞިލު ކުރައްވާފައި ތިބި. ވީމާ، މިފަދަ ގޮތްގޮތަށް މީހުން ވާހަކަ ދެއްކުމަކީ، މީހުން ދެރަކޮށްލުމަށް ނުވަތަ އަގު ވައްޓާލުމަށް ދައްކާ ވާހަކަ. އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުން އެފަދަ އަޑު ނާއްސަވާށޭ. އާދެ! އައްޑުއަތޮޅު ބަހުން ދަންނަވާނަމަ، ހޮޅި ވާހަކައެއް.

އާދެ! އަޅުގަނޑުމެން ރަނގަޅަށް ހަނދުމަފުޅު ކުރައްވަންޖެހޭނެ، ހަނދާން ކުރައްވަންޖެހޭނެ، މިއީ ސަތޭކަ ސަތޭކަ އިސްލާމް ޤައުމެއް. މި ޤައުމުގައި ޢަރަބިބަހުން ކިޔަވައިދޭ މަދްރަސާއެއް ހުރުމަކީ، މުޅި ޤައުމަށް ލިބޭ ޝަރަފެއް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ހަމައެކަނި އަޅުގަނޑުމެންނަކީ އިސްލާމް ބައެކޭ، އެހެން ބުނުމަކުން އެ ނިމުނީކީނޫން. އަޅުގަނޑުމެން އިސްލާމުންނަށްވީތީ، އަޅުގަނޑުމެން އިސްލާމުންކަން ސާބިތު ކުރުމުގެ ގޮތުން، އަޅުގަނޑުމެންގެ އަޚްލާޤާއި، މިޒާޖާއި، އަޅުގަނޑުމެންގެ ވާހަކައާއި، އުޅުމާ ހުންނަން ޖެހޭނީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެކިއެކި ރަސޫލު ބޭކަލުންނާއި، ނަބީ ބޭކަލުންނާ، މިބޭބޭފުޅުންގެ ރިވެތި އަޚްލާޤާއި އަދި އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަންގައިދީފައިވާ މާތް އުޞޫލުގެ މަތިން.

ވަރަށް އުފާވި މިރޭ އަޅުގަނޑުމެންނަށް މި އިވިގެންދިޔަ ޚަބަރަކުން. މި މަދްރަސާއިން ނިކުތް ކުއްޖަކު އަދި ކުށްވެރިވެފައެއް ނެތޭ. އެއީ ދަންނަވަންތޯ، ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފެއް. ހަމައެހެންމެ، އެ އުފާވެރި ޚަބަރާއެކީ، އަޅުގަނޑު ވަރަށް ހިތާމަވެރި ޚަބަރެއްވެސް، ހިތާމަވެރި އަޑެއްވެސް އެހިން. މިތަނުން އެންމެ ފުރަތަމަ ތަޢާރުފްކޮށްދެއްވި އަންހެން ބޭފުޅާވެސް އަދި ފަހުން ވާހަކަ ދެއްކެވި، ދެންމެ ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅާވެސް ވިދާޅުވި، މި މަދްރަސާއަށް ލިބިފައިވާ ނިކަމެތިކަން. އާދެ! މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްދޭނަން، މިއަދުގެ މި ސަރުކާރުން އަދި އަޅުގަނޑު ސަރުކާރުގައި ނެތް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތްފުޅުން އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު އިރާދަކުރެއްވިއްޔާ، މި މަދްރަސާއަށް އިރާދަކުރެއްވިއްޔާ، އެފަދަ ނިކަމެތި ގޮތެއް އައުމަށް، އެއްވެސް ކަމެއް މެދުވެރިވިޔަކަނުދޭނަމޭ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ވަކި މަދްރަސާއަކަށް ވަކިބަހަކުން ކިޔަވައިދޭތީ، ވަކި މީޑިއަމަކުން ކިޔަވައިދޭތީ، އެބަޔަކަށް ނުވަތަ އެފަރާތަކަށް ބަޖެޓްގައި އުނިވެގެން ނުވާނެ. އެއީ ވެގެންވާނެ ކަމެއް ނޫން. ހަމަ ޢިލްމަކީ ކޮންމެ ބަހަކުން ކިޔަވައިދިނަސް، އިންސާނާ ތަރައްޤީކޮށް ކުރިއަރުވާ ކަމެއް. ވީމާ، މި މަދްރަސާއަށްވެސް ޙައްޤު ލިބެންވީ ގޮތަށް، ތަރައްޤީވާންވީ ގޮތަށް ވާންޖެހޭނެ. އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ، މި މަދްރަސާއިން ނުކުންނަ ކުދިންނަކީވެސް ހަމަ މި ޤައުމަށް ޚިދްމަތްކުރާނެ ދަރިން. އަދި މިހާތަނަށް ޚިދްމަތްތަކެއް ކޮށްފައިވެސް، އެކަން ސާބިތުކޮށްދީފައިވެސް ތިބި ދަރިން. މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. ވީމާ، ސަރުކާރަކުން އަދި ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ޕާޓީއެއްގެ ސަރުކާރެއް އޮތަސް، އެއްވެސް މަދްރަސާއަކަށް އެފަދަ ތަފާތެއް ގެނައުމަކީ، އަޅުގަނޑު ދަންނަވާނީ، އެއީ ހެޔޮ ނުވިސްނޭ އަދި ކުރި މުސްތަޤްބަލަށް ނުވިސްނާތީ، ޖާހިލުކަމުން ކުރާ ކަމެކޭ. އެފަދަ ކަމެއް ކޮށްގެންނުވާނެ. އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމް، އޭރުގައި އޮންނަ ސަރުކާރަކުން ދިނުމަށް ހުރަސްއަޅާ ނުވަތަ ދަތިކޮށް، މިފަދަ ކަންތައްތައް ކުރުމަކީ އެއީ ވަރަށް ނާތަހުޒީބު ކަމެއް. ހެޔޮވިސްނޭ ބުއްދިވެރިން އަދި ޤައުމުގެ މުސްތަޤްބަލަށް ދެމިއޮންނަނިވި ތަރައްޤީ ހޯދަން ޤައުމަކަށް ބޭނުންވާ ކަމަށްވަންޏާ، ކިޔަވާ ކުދިންނަކީ ވަރަށް މުހިންމު ބައެއް. ވީމާ، ސްކޫލްތަކަށް ދޭންވީ ޚާއްޞަ ސަމާލުކަން އަޅުގަނޑުމެން އަބަދުވެސް ދޭންޖެހޭނެ.

އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑަކީ ވޭތުވެދިޔަ ސަރުކާރުގެ ޓެކްސް ނިޒާމުގައި ވާހަކަ ދެއްކި މީހެއް. ޝައްކެއްނެތް، އަޅުގަނޑު ތާއީދުކުރިން އެކަމަށް. އެއީ ކީއްވެގެން ކަމަށްތޯ؟ މުއްސަނދިން އަތުން، ނުވަތަ ފޯރާ ފަރާތްތަކުން ނުވަތަ ވިޔަފާރިވެރިން އަތުން އެކަށީގެންވާ ޓެކްސްއެއް ނަގައިގެން ނޫނިއްޔާ، ފަޤީރުންނާއި މުއްސަނދިންނާ އޮންނަ މިންގަނޑެއް ކައިރިއެއް ނުކުރެވޭނެ. އެއީ މުޅި ދުނިޔެ ޤަބޫލުކުރާ ޙަޤީޤަތެއް. އަދި އޭގެއިތުރުން، އެ ފައިސާ ނަގައި، ނަގަންޖެހޭ އެންމެބޮޑު ސަބަބަކީ، އެފައިސާވެރިން އެ ފައިސާ ހޯދަނީ، ރައްޔިތުންގެ މުދާ ބޭނުންކޮށްގެން. އަޅުގަނޑު އެ ޖަލްސާގައިވެސް ދެންނެވިން، ބަނޑޮހަކީ ދިވެހި ރައްޔިތުންގެ މުދަލޭ. ވީމާ، އަޅުގަނޑު އެ ބޭނުންކުރާ ކަމަށްވަންޏާ، އަޅުގަނޑު ޖެހޭނެ، އެކަށީގެންވާ އުޖޫރަ، އެކަށީގެންވާ ޓެކްސް ދައްކަންވީ ފަރާތްތަކަށް ދައްކައި، އެކަން ކުރަން. އެއީ އަޅުގަނޑުމެން ގަބޫލު ކުރަންވީ ސިޔާސަތެއް. ގަބޫލު ކުރަންވީ ކަމެއް. އަދި ކޮންމެ މީހަކުވެސް ކުރަންވީ ކަމެއް. އަދި ހަމަ މި ނޭވާގައި ދަންނަވާއިރުގައި، އެންމެފަހު، ވޭތުވެދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާ، އަޅުގަނޑަށް ހީވަނީ ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް އަޑުއައްސަވާފައިހެން އޮންނާނީ. މާތްﷲ އިންސާނުންނަށް ދެއްވާ ނިޢުމަތާއި މުދަލަކީ، އެބައެއްގެ އަމާނާތްތެރި ކަމުގައި، އެހެން ފަރާތްތަކަށް ރައްދުކުރުމަށްޓަކައި މާތް ﷲ ދެއްވާފައިވާ މުދަލެއްކަން، އެ ޚުޠުބާގައި ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. މި ޙަޤީޤަތް އަޅުގަނޑުމެން މިއަދު ޤަބޫލު ނުކުރާންވީ ކީއްވެގެންތޯ؟

މި ޙަޤީޤަތް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. މި ޙަޤީޤަތް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އެންމެ ފުރަތަމަ އެއް ސަބަބަކީ، މިއީ ވަގުތީ ދުނިޔެއަކަށްވާތީ. މިއީ ދާއިމީ ތަނަކަށްނުވާތީ. ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކުވެސް އަދި ކިތަންމެ ފަޤީރު ނިކަމެއްޗަކަށްވިޔަސް، ނިމިގެންދާއިރު ދަނީ ހަމަ އެއްގޮތަކަށް. ވަޅުލެވެނީ އެއްތަނެއްގައި، ބިންމަތީގައި. ހިތާމައަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ފަރުޟު ފަސްނަމާދަށް އަރާއިރުގައި، އަޅުގަނޑުމެން ކައިރީގައި ތިބެނީ ފަޤީރުންނެއް ނޫން. ކަތީބުންނެއް ނޫން. އަޅުގަނޑުމެންގެ ރަސްމީ ވިޔަފާރިވެރިންނެއް ނޫން. އަޅުގަނޑު ކައިރީގައި ހުންނާނެ، އަޅުގަނޑު ގެންގުޅޭ މުވައްޒަފުވެސް، އެހެން މީހުންވެސް. މި ޙަޤީޤަތް އަޅުގަނޑުމެންނަށް ޤަބޫލުކުރަން ދަތި، ބައެއް ބޭފުޅުންނަށް. މާތްﷲ އެއްވެސް އިންސާނެއް، އަނެއް އިންސާނަކާ ތަފާތު ކުރައްވާފައި ހައްދަވާފައެއްނުވޭ. އިންސާނުން، އިންސާނެއްގެ ގޮތުގައި މިއީ އެއް ޢާއިލާއަކުން އައިސްތިބި، އެއްފަރާތަކުން އައިސްތިބި އެއްބައެއް. މިއަކު ތަފާތެއް ނެތް. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، އަޅުގަނޑު ކައިރީގައި ހުންނަ މީހާއަށް، އެއީ ވަޒީރަކަށް ނުވިޔަސް އަދި އެހެން މަޤާމެއްގައި ނެތް ކަމުގައިވިޔަސް، އޭނާއަށް އަޅުގަނޑުމެން އަދަބު އިޙްތިރާމް އަދާކުރަންޖެހޭނެ. މި އާދަކާދަ ތިޔަ ލޮބުވެތި ދަރިން ދަސްފުޅުކުރައްވަންވާނެ.

އާދެ! އަޅުގަނޑު ދަންނަވާލަން ބޭނުން، މުސްތަޤްބަލުގައި ތިޔަބޭފުޅުން، މި ޤައުމުގައި ވެރިކަން ކުރައްވާއިރު، އާދެ! ދެންމެގައި ވާހަކަ ދެއްކެވި ބޭފުޅަކުވެސް ވިދާޅުވި، މުޅި މާޙައުލު ބަދަލުވެއްޖެއޭ، މުޅި ދިވެހިރާއްޖެ ބަދަލުވެއްޖެއޭ އަދި ދުނިޔެވެސް ބަދަލުވެއްޖެއޭ. ޝައްކެއްނެތް، އެއީ ވަރަށްބޮޑު ތެދެއް. އެހެން ނަމަވެސް، ބަދަލެއްނުވޭ ދޮއެއްތޯ އިންސާނާގެ ޙަޔާތަކަށް ދިމާވާނެ ކަންތައްތަކާއި އަދި އޭނަގެ ނިމިގެންދާނެގޮތާއި އަދި އޭނަގެ ދައުރު އެއީ ބަދަލުނުވާނެ އެއްޗެއް. އިންސާނަކު، އަނެއް އިންސާނަކާ ދޭތެރޭގައި ހެޔޮކޮށްހިތަންވީގޮތާއި، މާތްކޮށްހިތަންވީ ގޮތާއި، ޤަދަރު ކުރަންވީ ކަންކަން. މިކަންކަމަށް ބަދަލުއައިސްގެން ނުވާނެ.

އާދެ! މިއަދު އަޅުގަނޑު މިވާހަކަ ދައްކާއިރު، ހަމަ ދަންނަވާލަން ބޭނުންވޭ، ޚިޔާލަކީ ތަފާތު އެއްޗެއް. ފިކުރަކީ ތަފާތު އެއްޗެއް. އެހެން ނަމަވެސް، އަބަދުވެސް ހަނދުމަފުޅު ކުރައްވަންޖެހޭނެ، އަޅުގަނޑު ކައިރީގައި، އަޅުގަނޑުމެން ކައިރީގައި ހުންނަ އަނެކަކީވެސް އެއީވެސް އިންސާނެއްކަން. އޭނަގެވެސް އިޙްސާސްތަކެއްވާކަން. އެހެންވީމާ، އޭނައާ ދޭތެރޭގައި އޯގާތެރިކަމާއި، ރަޙްމަތްތެރިކަމާއި، ހަމްދަރުދީއާއި އަދި ޤަދަރާ، މިކަންތައް ކުރުމަކީ، މިއީ އަޅުގަނޑުމެންގެ މިޒާޖުގައި ހުންނަންޖެހޭނެ ކަންކަން. އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، ޤައުމެއް ތަރައްޤީއެއް ނުވާނެ، ޤައުމުގައި ތަކުރާރުކޮށް، އެކަކު އަނެކަކަށް އެއްޗެހި ގޮވާ، އެއް ޢާއިލާތައް ވަކިވެގެން، ޢާއިލާތައް ވަކިވެގެން މިހެންގޮސް މި ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. މި ޤައުމު ތަރައްޤީ ކުރެވޭނީ، މި ޤައުމުދެކެ ލޯބިވެގެން. ޕާޓީއެއްދެކެ ލޯބިވެގެނެއް ނޫން. އެކަން ހަނދުމަފުޅު ކުރައްވަންޖެހޭނެ. ޝައްކެއްނެތް، ވަކި ޕާޓީއެއްގައި އުޅުއްވާ ބޭފުޅުން، އެ ޕާޓީއަކަށް ޤަދަރު ކުރެއްވުމާއި، އެ ޕޮލިސީތަކެއް ޤަބޫލު ކުރެއްވުމަކީ އެއީ ހަމަ އޮންނާނެ ކަމެއް. އެހެން ނަމަވެސް، އެންމެ ފުރަތަމަ ވަޠަންދެކެ ލޯބިވާންޖެހެނީ. އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، މި ޤައުމު، ޤައުމެއްގެ ގޮތުގައި، މިނިވަން ޤައުމެއްގެ ގޮތުގައި، ބޭރު ބައެއްގެ އަތްމައްޗަށް ނުގޮސް، މާތްވެގެންވާ އިސްލާމްދީނުގައި މިއޮތް، އަޅުގަނޑުމެން މިއޮއް ހުރިހާ ދުވަހު، މި ޤައުމު، ޤައުމެއްގެ ގޮތުގައި އޮތީ، އަޅުގަނޑުމެން އިސްލާމްދީނުގައި ހިފަހައްޓައިގެން، އިސްލާމްދީނުގައި އަޅުގަނޑުމެން ތިބީމަ، މި ޤައުމު މިގޮތަށް މިހާތަނަށް މިއައީ.

އެހެންވީމާ، ދީނީ ޢަޤީދާ، ދީނީ އީމާންތެރިކަން އަޅުގަނޑުމެންގެ ގެއްލިއްޖިއްޔާ، މި ޤައުމު ފުނޑުފުނޑުވެ ހަލާކުވެގެންދާނީ. އެކަން ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި. އަޅުގަނޑުމެން ދުނިޔޭގެ މައްޗަށް ބަލައިލާއިރު، ޤައުމުގެ މައްޗަށް ބަލައިލާއިރު، އެންމެ ފުރަތަމަ އަޅުގަނޑުމެން ހަނދާން ކުރަންޖެހެނީ، އަޅުގަނޑުމެން ހެއްދެވި ފަރާތް. އަޅުގަނޑުމެން އީމާންވާ ދީން. ދެން ޤައުމު. ޤައުމެއް، ޤައުމެއްގެ ގޮތުގައި ނޯންނާނެ، އެ ޤައުމެއްގެ ދަރިން، އެ ޤައުމެއް ޙިމާޔަތް ކުރިއްޔާ ނޫނީ. ވީމާ، މުސްތަޤްބަލުގައިވެސް އަދި ދެން ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހޭނެ، މި ޤައުމު، ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިނިވަންކަމާއި، މާތްވެގެންވާ އިސްލާމްދީނުގައި ބޭއްވުމަށް އަޅުގަނޑުމެންނަށް ކުރެވުނުހާ ޖިހާދެއް އަޅުގަނޑުމެން ކުރަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އެއީ އަޅުގަނޑުމެންނަށް މާތްﷲ އަންގަވާފައި އޮތްގޮތް.

އާދެ! ވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުން. މިގޮތުން ތިޔަބޭފުޅުންނަށް ވަރަށް ހިތާމަވެރި ދަތި ދުވަސްވަރެއްވެސް އަތުވެއްޖެ. އެހެން ނަމަވެސް، ކެތްތެރިކަމާ އެކީގައި، މާތްﷲގެ ޙަޟްރަތަށް ވަކީލު ކުރައްވައި، ތިޔަބޭފުޅުން ކުރިއަށް ވަޑައިގަތީ. ދެންމެ އަޅުގަނޑުމެންނަށް އިވިއްޖެ. އަޅުގަނޑުމެންގެ އިސްލާމިކް މިނިސްޓަރ ވިދާޅުވި އަޑު، ތިޔަބޭފުޅުން މުޒާހަރާ ކުރެއްވީމޭ އަދި ތިޔަބޭފުޅުން އެކަމުގައި އިސްނަންގަވައި މަސައްކަތް ކުރެއްވީމޭ. އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު އައްސަރިބަހުން ސާބަހޭ ދަންނަވަން. މި ސްކޫލަށް ދެރަގޮތެއްވާ ކަމުގައިވަންޏާ، މި ސްކޫލްގެ ނަމުގައި ތިޔަބޭފުޅުން ތެދުވެވަޑައިގަންނަވަންޖެހޭނެ. އެއީ ތިޔަބޭފުޅުންގެ ޙައްޤެއް. ތިޔަބޭފުޅުންގެ ވާޖިބެއް. އިންސާނީ ޙައްޤެއް. އެހެންވީމާ، އެ ޙައްޤު ދިފާޢު ކުރުމަށްޓަކައި ތިޔަބޭފުޅުން ތެދުވެވަޑައިގަންނަވަންޖެހޭނެ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، އެފަދަ ކަމެއް އިރާދަކުރެއްވިއްޔާ ނުވަތަ އެފަދަ ގޮތެއް ދެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދިމާނުކުރައްވާނެ ކަމަށް. އަދި ނުވާނެ ކަމަށް. ހަމަގައިމުވެސް، މިއަދުގެ ސަރުކާރުން ވަޙީދުވެސް އަދި އަޅުގަނޑުވެސް އަދި މި ތިއްބެވި މިނިސްޓަރުންވެސް، އަދި ދެން ތިބި ކެބިނެޓްގައި ތިއްބެވި ބޭފުޅުންވެސް. އަދި އަޅުގަނޑުމެންނާ ގުޅިފައި މިއޮތް ޕާޓީތަކާ އެއްކޮށް، އަޅުގަނޑުމެން މަސައްކަތް ކުރާނަން، މި މަދްރަސާ އެހެން މަދްރަސާތަކެކޭ އެއްގޮތަށް، އެހުރިހާ ޚިދްމަތްތަކެއް ލިބި، ކުރިއަށް އޮތް ތާނގައި، އެއްވެސް ބޭފުޅަކު މިއީ ފަޤީރު ދެރަ މަދްރަސާއެކޭ ވިދާޅުނުވާވަރަށް މަސައްކަތް ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައިފިން.

އާދެ! އިސްލާމިކް މިނިސްޓަރ ވާހަކަ ދައްކަވަމުން ވިދާޅުވި. މިތަނުން ތަޢުލީމް ޙާޞިލްކުރާ ކުދިންނަށް ބޭރަށް ދިޔުމުގެ ފުރްޞަތުގެ ވާހަކަ. އެ ފުރްޞަތު ބޭރުގެ ޤައުމުތަކާ ގުޅިގެން ހޯދޭނެ ގޮތަކަށް މަސައްކަތް ކުރައްވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުމީ، އަޅުގަނޑުމެންގެ އޮވެޔޭ، [ޕްރޮޖެކްޓް ހޯޕް] ކިޔާ ކުޑަކުޑަ ޖަމްޢިއްޔާއެއް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް މި ވަޢުދުވަނީ، ތިޔަބޭފުޅުން އެ ފުރްޞަތު ހޯއްދަވައިފިއްޔާ، ތިޔަބޭފުޅުން ފޮނުއްވަން ބޭނުންފުޅު ޤައުމުތަކަށް ފޮނުއްވުމުގައި، އިރާދަކުރެއްވިއްޔާ، ކޮންމެ އަހަރަކު ހަތަރު ކުދިން، މި ޕްރޮޖެކްޓް ހޯޕްގެ ދަށުން އަޅުގަނޑުމެން ފޮނުވައިދޭނަން.

އާދެ! އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، އަޅުގަނޑުމެންނަށް ތަނަވަސްކަން މާތްﷲ ދެއްވާފައިވަނީ، އެއީ އަޅުގަނޑުމެންގެ މިލްކެއް ނޫން. އަޅުގަނޑުމެން އަމިއްލަ ތަކެއްޗެއް ނޫން. އަޅުގަނޑުމެންގެ އަމިއްލަ މުދަލެއް ނޫން. އެއީ އަޅުގަނޑުމެން، އެހެން ފަރާތްތަކާ، ބޭނުންވެފައިވާ ފަރާތްތަކާ އެ ޙިއްޞާކުރަން އަދި އެ ދެވެންހުރި ފަރާތަށް. ވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ ތި ޢަޒުމް ދެރަނުކުރައްވާށޭ. ތިޔަބޭފުޅުންގެ އުންމީދުތައް އާކުރައްވާށޭ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ އާ ޢިމާރާތް، އަޅުގަނޑަށް އުންމީދު ކުރެވެނީ، ނުވަތަ އަޅުގަނޑުމެންނަށް އެނގިފައި އޮތީ، މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް. ނިމުނީމާ ފިސާރި ރީތި ރަނގަޅު ތަނަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ހަމަގައިމުވެސް އަޅުގަނޑު މިތަނުގެ އިސްފަރާތްތަކާ އެކުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ އެކުގައި މަސައްކަތް ކުރާނަން. އަދި އެތަން ފިސާރި ރީތި ރަނގަޅު މަދްރަސާއަކަށްވެ، އަދި އެތަނުގެ ކިޔަވާ ކުދިންގެ ހުރިހާ ފެސިލިޓީޒްތަކެއް، ކޮމްޕިއުޓަރ ލެބް، އަޅުގަނޑަކަށް ނޭނގެ، މިތާ ކޮމްޕިއުޓަރ ލެބާ އެއްޗެހި ހުންނަކަމެއް މިހާރު. ކޮމްޕިއުޓަރ ލެބެއް އެއީ ކޮންމެހެންވެސް މަދްރަސާއެއްގައި ހުންނަންޖެހޭނެ ތަން. ކޮމްޕިއުޓަރ ލެބެއްގެ ބޭނުން، މިފަދަ ތަންތަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކޮށްގެން، ސަރުކާރުގެ ތެރެއިންނާއި އަދި އަމިއްލަ ފަރާތްތަކުގެ ތެރެއިންވެސް އިރާދަކުރެއްވިއްޔާ ހޯދައިދެވޭތޯ އަޅުގަނޑުމެން ބަލާނަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މި ފުރްޞަތު އަޅުގަނޑަށް ދެއްވީތީ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑު ކިޔާލިން އަހަރު ރިޕޯޓްތަކާ އެއްޗެހި ފޮނުއްވީމަ. ތިޔަބޭފުޅުން ވަރަށްގިނަ ތަފާތު ބަޙުޘްތަކާއި، ތަފާތު އެކިއެކި ދުވަސްތަކުގައި، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާކަން އަޅުގަނޑަށް ފާހަގަކުރެވިފައި އެބަހުރި. އަޅުގަނޑު ދަންނަވާނީ، އިޖްތިމާޢީ ގުޅުން، އިޖްތިމާޢީ ރޫޙު އެއީ ވަރަށް މުހިންމު ކަމެކޭ، ތަރައްޤީގެ ތެރޭގައި، ކުރިއެރުމުގެ ތެރޭގައި. އެހެންވީމާ، އެކަންތައް އަދިވެސް ކުރިއަށް ގެންދަވާށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، އެއްވެސްކަހަލަ ދަތިކަމެއް، އުނދަގޫ ކަމެއް ޖެހިވަޑައިނުގަންނަވައި، މިކަންތައްތައް ކާމިޔާބު ގޮތުގައި ގެންދެވޭނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ މި މަދްރަސާއަށް ރަޙްމަތް ލައްވައި، ކުރިއެރުން ދެއްކެވުން.

والســّلام عليــكم