2012 އޭޕްރިލް 23ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލް] އާއި، 2012 އޭޕްރިލް 24ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލް] އާއި، 2012 އޭޕްރިލް 25ވި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި [އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލް] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މި ތިން ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ތިން ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތިން ސިޓީފުޅުގައި، މި ބިލްތަކަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލްތަކާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެ ބިލްތަކަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.