ހުސްވި އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި [ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކޮށް، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގެ ނިޒާމެއް ޤާއިމްކޮށް، ފަރުވާދިނުމުގެ އެ ނިޒާމަކީ، ދިވެހި ދައުލަތުގެ ޚަރަދުގައި ހިންގާ ނިޒާމެއް ކަމުގައި ކަނޑައަޅައި، ތެލަސީމިއާ ކޮންޓްރޯލް ކުރުމާއި، އެ ބަލީގެ ފަރުވާގެ ނިޒާމް ހިންގުމުގެ ޢާންމު އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

ތެލަސީމިއާ ކަމަށް، މި ޤާނޫނުގައި ބުނެފައި އެވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ، ލޭގައި ތަރުތީބުވެގެންދާންޖެހޭ ގޮތަށް ތަރުތީބުވެގެން ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް، ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތަށެވެ.

މި ގާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ދިވެހި ރައްޔިތުން ތެލަސީމިއާއިން ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލް ކުރުމާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމާއި، ތެލަސީމިއާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޢާންމު ޒިންމާ، ޤައުމުގެ ފެންވަރުގައި އުފުލައި، އެންމެކުރީ ސަފުގައި ޙަރަކާތްތެރިވުމަށްޓަކައި، [ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ]ގެ ނަމުގައި ސެންޓަރެއް، މި ޤާނޫނުގެ ދަށުން މިއަދު އުފެދުނީއެވެ.