މިއަދަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. މި ތަހުނިޔާގައި، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް ރައީސުލްޖުމްހޫރިއްޔާ ޝާމިލް ކުރައްވައެވެ.

ކުޑަކުދިންގެ ދުވަސް ސަރުކާރުން ފާހަގަކުރައްވަމުން ގެންދަވަނީ، ވަރަށް މުހިންމު ސަބަބުތަކަށްޓަކައި ކަމަށާއި، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށްވުމާއެކު، އެކުދިންގެ ފާގަތި ކުރިއެރުމެއް ލިބޭނީ، އެކުދިންނަށް ރަނގަޅު ތަޢުލީމަކާއި، ހަރުދަނާ ތަރުބިއްޔަތެއް ދެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. ހަމައެއާއެކު، ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ މުހިންމުކަމާއި، އެކުދިންނަކީ ފުރިހަމަ ޞިއްޙަތެއްގައި ބޮޑެތިވާ ކުދިބަޔަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. އަދި ކުޑަކުދިންނަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުވައިދީ، އެކުދިންނަށް ރީތި ގޮތްތައް ދަސްކޮށްދެއްވައި، އަޚްލާޤީ ގޮތުން ނަމޫނާ ބަޔަކަށް ހައްދަވައިދެއްވައި، ހަރުދަނާ ތަރުބިއްޔަތަކާއެކު، އެކުދިން ބޮޑެތި ކޮށްދެއްވައި، ޤައުމަށާއި މުޖްތަމަޢަށް ފައިދާހުރި ބަޔަކަށް ހައްދަވައިދެއްވުމަށް، މައިންބަފައިންނާއި ބެލެނިވެރިންނަށް މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.