ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލްތަކުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރާ ދޭތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ ގިނަ ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް، ކައުންސިލް މެންބަރުން ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ހުވަދުއަތޮޅު އުތުރުބުރިއަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު، ކައުންސިލްތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ބައެއް ރަށްރަށުގެ ބަނދަރުގެ ދަތިކަމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކާއި، ރަނގަޅު ފެންވަރެއްގެ ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލެއް ނެތުމާއި، ވަޒީފާގެ ފުރްޞަތުތައް މަދުވުމުގެ މައްސަލަ، ވަރަށްގިނަ ރަށްރަށަށް ކުރިމަތިވަމުންދާކަން ކައުންސިލްތަކުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުވަދުއަތޮޅު އުތުރުބުރިއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް، މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވަކި ކުލައަކަށް ނުބައްލަވައި، ހުރިހާ ރައްޔިތުންނަށް، ވީހާވެސް ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.