ވާރކްސް ކޯޕަރޭޝަން ލިމިޓެޑުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށަށް ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާއަރުއްވައިފިއެވެ. މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ވާރކްސް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގެ މަސައްކަތް، ވާރކްސް ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރައްވައިގެން ކުރެއްވުނު ތަޖްރިބާއަށް ބައްލަވާއިރު އަދި ޚަރަދުގެ ގޮތުންނާއި، މަސައްކަތުގެ ހަލުވިމިނަށް ބައްލަވާއިރު، މިހާތަނަށް އިތުރު ކުރިއެރުމެއް ލިބިފައި ނެތްކަން ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށަށް އެތާނގެ މަސައްކަތްތައް ބަދަލުކުރެއްވުމުން، މިހާރަށްވުރެ ޚަރަދު ކުޑަކޮށް އަދި ރަނގަޅަށް ހިނގާނެ ކަމަށާއި، އަދި ސަރުކާރުން މިހާރު ފަށްޓަވާފައިވާ އެތައް މަޝްރޫޢުތަކެއް މަޑުނުޖެހި ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް މެންބަރުން ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މާލޭސިޓީ ކައުންސިލާ ޙަވާލުކުރައްވާފައިވާ ބިންތަކާއި ތަންތަން ޙަވާލުކުރެއްވިއިރު، ވެފައިވާ އެއްބަސްވުމާ ޚިލާފަށް ސިޓީ ކައުންސިލުން އެތަންތަންދީ ބޭނުންކުރަމުންދާތީ، އެކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، އެތަންތަން ސިޓީ ކައުންސިލުން އަތުލުމުގެ އިޚްތިޔާރު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓަށް ދެއްވުމަށް ނިންމެވިއެވެ. އަދި މާލޭސިޓީ ކައުންސިލާ ޙަވާލުކުރައްވާފައިވާ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑު ސަރަޙައްދުގެ ބިން، މި އުޞޫލުގެ ދަށުން އެމިނިސްޓްރީއަށް ބަދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.