ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ހެންވޭރު ވައިޓް ޑައިމަންޑް އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަން އެންގެވުމާ ގުޅިގެން، އެކޮމިޝަންގެ މެންބަރު ކަމަށް، އެކަމަނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޖަމީލާ ޢަލީ ޚާލިދު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިމަތީގައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޖަމީލާ ޢަލީ ޚާލިދު ކުރެއްވިއެވެ.