އިތުރު 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން އެކުލަވައިލެއްވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، ހުޅުމާލެ އެންދެރި 3 އަލްފާޟިލް މުޙަންމަދު ނިޒާމެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ އައްޑުއަތޮޅު ހިތަދޫ ނަސީމީ މަންޒިލް އަލްފާޟިލް ބަދުރުއްދީން ނަސީމެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހުޅުމާލެ ޢާއިލާ އަލްފާޟިލް މުޙަންމަދު ވަސީމާއި، ހެންވޭރު ވިންޓަރ ގްރީން އަލްފާޟިލް މުޙަންމަދު މަނިކާއި، އައްޑުއަތޮޅު ހުޅުދޫ އެޅެހިށިގެ ބޭރުގޭ އަލްފާޟިލް މުޙަންމަދު ނަޞްރެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، ހުޅުމާލެ ފްލެޓް 6 ޖީ 3 އަލްފާޟިލް މުޙަންމަދު އިމްތިޔާޒެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ، ފާދިއްޕޮޅު ނައިފަރު މާއޮޅު އަލްފާޟިލް ޢަލީ އަޙްމަދެވެ. ޑިރެކްޓަރުންގެ ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، މުލަކަތޮޅު މުލީ މާކޯނި އަލްފާޟިލް ޢަލީ ނިޝާނާއި، ހެންވޭރު ހަތިހާ އަލްފާޟިލާ ޒަހާ ވަޙީދާއި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކިނބިގަސްދޮށުގޭ އަލްފާޟިލް މުޙަންމަދު ޝާކިރެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މާފަންނު ވިލާދަށުގޭ އަލްފާޟިލް އަސްލަމް ރަޝީދެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅީ އެލީޒިއަމް އަލްފާޟިލް އިބްރާހީމް ނަޒީމެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކާމިނީގޭ އަލްފާޟިލް މައުމޫން ޢަބްދުއްޞަމަދާއި، ފުވައްމުލަކު މުސްތަރީގޭ އަލްފާޟިލް އަޙްމަދު ބަދީޢާއި، ހުޅުމާލެ ފްލެޓް 13 ޖީ 03 އަލްފާޟިލް އިބްރާހީމް ޙުސައިނާއި އަދި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ އަރީހާ އަލްފާޟިލް މުޙަންމަދު ޝަމީމް ޢަލީއެވެ.