ކައުންސިލްތައް މެދުވެރިކޮށްގެން ދޭންޖެހޭ ކިތަންމެ ޚިދްމަތްތަކެއް އެބަހުރިކަމަށާއި، އެ ޚިދްމަތްތައް ދެވޭނީ، ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ކައުންސިލްތަކުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި، ވުޒާރާތަކާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިރޭ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރު ގަބޫލު ނުކުރާ މަދުބަޔަކު އުޅޭކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދަޅުވެ، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގަބޫލު ނުކުރާ މުއައްސަސާތަކެއް ހުންނާކަށް ރާއްޖޭގެ ޤާނޫނުއަސާސީ ތަންނުދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ބައެއް ކައުންސިލަރުންނާއި ކައުންސިލުތަކުން މިހާރު ގަބޫލު ކުރައްވަން އެބަޖެހޭ ކަމަށާއި، ދައުލަތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދްމަތްތައް ލިބިދިނުމުގައި ކައުންސިލްތަކުގެ މެންބަރުންނަކީ، ވަރަށް މުހިންމު ބައެއް އަދާކުރައްވަންޖެހޭ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށުގައި ތިބި ވަކި ޕާޓީއެއްގެ މީހުން އެކަހެރި ކުރައްވައިގެން ކަންތައްތައް ނުކުރައްވާނެ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ އެއްވެސް ޕާޓީއަކަށް، އެއްވެސް ކުލައަކަށް، އެއްވެސް ރަށަކަށް ބެއްލެވުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަވާ ގޮތަށް ދައުލަތުން ދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް ދެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ސިޔާސީ ބައިބައިވުންތައް އުފެދިފައިވާތީ އެކަން ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓިތައް އެކުލެވޭ އެއްބައިވަންތަ ސަރުކާރެއް އުފެއްދެވުމަށް ކަމަށްވުމާއެކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޮޑެތި ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަވައިގެން، ސަރުކާރު އެކުލަވާލެއްވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕާޓީތަކާއެކު އުފެއްދެވި ސަރުކާރާއެކު ރާއްޖޭގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށް އެބަދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ސަރުކާރުގައި ބައިވެރިވުމުގެ ފުރުޞަތު އެމް.ޑީ.ޕީ.އަށްވެސް ދެއްވި ކަމަށާއި، އެހެންނަމަވެސް އިޖާބައެއް ލިބިވަޑައިނުގެންނެވި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައިވެސް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އާސަންދައިގެ ނިޒާމު ހިންގަވަން ބޭނުންފުޅު ނުވާ ކަމަށާއި ހުރިހާ ރައްޔިތުންނަށްވެސް ފައިދާހުރި ގޮތަކަށް މި ނިޒާމު ބައްޓަން ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.